ދެހާސް ތޭރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ކައި ޕޯ ޗޭ'ގެ ބަތަލާ އަމްރިތާ ޕޫރީ ކައިވެނިކޮށްފި އެވެ.

އަމްރިތާ އާއި އޭނާގެ ލޯބިވެރިޔާ އިމްރުން ސެޓީ ކައިވެނިކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ބެންކޮކްގަ އެވެ. ކައިވެނި ހަފްލާއަށް ދައުވަތު ދީފައި ވަނީ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް އެކަންޏެވެ.

އަމްރިތާގެ ފިރިމީހާއަކީ މުމްބާއީގައި ރެސްޓޯރަންޓެއް ހިންގާ މީހެކެވެ. ދެ މީހުން ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

އަމްރިތާ ބޮލީވުޑަށް ތައާރަފުވީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'އައިޝާ' އިންނެވެ. ފިލްމުގައި އޭނާ ފެނިގެން ދިޔައީ ސަޕޯޓިން ރޯލަކުންނެވެ.

ފިލްމަކުން އަމްރިތާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސްޓާޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ އަކުން އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ޑްރާމާގައި އަދާކޮށްފައިވާ ރޯލަށް ބޮޑު ތަރުހީބެއް ވެސް ލިބިގެން ދިޔަ އެވެ.