05 Aug 2011, 11:00
ސީޝެލްސް އިން އިޤްތިޞާދާއި މާލީކަންކަން ރާވަމުން އަންނަގޮތް ބަލައި، ދަސްކުރުމުން ރާއްޖެއަށް ވަރަށް ގިނަ ފައިދާއެއް ލިބޭނެ ކަމަށް ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދަވެ ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ދެއްވާ ރޭޑިއޯ ތަގުރީރު މިއަދު ދެއްވާފައި ވަނީ ސީޝެލްސްގެ ޕްރަލަން އައިލެންޑްގައި ހުންނަވައިގެނެނެވެ. މިއަދުގެ ތަގުރީރުގައި ވިދާޅުވީ ސީޝެލްސްގެ ދަތުރުފުޅުގެ އިތުރު ގުޅުމެއް އުފެދި ރާއްޖެއަށާއި ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސީޝެލްސްއަކީ ރާއްޖެއާ ވަރަށް ގާތުގައި އޮތް ޤައުމެއް ކަމަށާއި އެގައުމުގެ އިޤްތިޞާދާއި މާލީކަންކަން ރާވަމުން އަންނަގޮތް ބަލައި ދަސްކުރުމަކީ، ރާއްޖެއަށް ވަރަށް ގިނަ ފައިދާއެއް ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ސީޝެލްސްގެ މަސްކަނޑުތަކުގައި މަސްބޭނުމާއި، ޓުއަރިޒަމްގެ މަސައްކަތާއި، އެނޫންވެސް އެހެން ކަންކަމުގައި، ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ގުޅިގެން ހިންގެންހުރި ކަންތައްތަކަކީ ކޮބައިތޯ، އެމަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ ތަގުރީރުގައި ސީޝެލްސްގައި ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އިއްޔެ ކުޅުނު މެޗްގައި، މޮރިޝަސްއާ ބައްދަލުކޮށް، އެއްލަނޑު އެއްލަނޑުން އެއްވަރުވި މެޗުގެ މައްޗަށް ވެސް އަލި އަޅުވައިލެއްވެވި އެވެ. ރައީސް ވިދާޅުވީ މެޗްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ވަރަށް ފުރިހަމަ ކުޅުމެއް ދައްކާފައިވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ކަމަށެވެ.