14 Nov 2017, 22:22
މިއަދު ހަވީރު މާލޭގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން މ. ސިނީއަސުރުމާގެއަށް ކޯޓުއަމުރަކާއެކު ވަދެފަ އެވެ. އެ ގެއިން އެވިޑެންސް ގޮތުގައި އެއްޗެހިތަކެއް ގެންދިޔަ މަންޒަރު އެތަނުގައި ތިބި ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެގެއިން ހަ މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު ވެސް ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
މާރާމާރީގެ މައްސަލާގައި މ. ސިނީއަސުރުމާގެއިން ހައްޔަރު ކުރި ޒުވާނަކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ހަވީރު 5:50 އެހައިކަންހާއިރު، ފަރީދީމަގުގައި ހިންގި މާރާމާރީގައި ތިން މީހަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.
މާރާމާރީގެ މައްސަލާގައި މ. ސިނީއަސުރުމާގެއިން ހައްޔަރު ކުރި ޒުވާނުން އެގެއިން ނެރެގެން ގެންދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މާރާމާރީގައި ޒަޚަމްވި މީހުންގެ ތެރެއިން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނީ ދެ މީހަކަށެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ މާރާމާރީގައި ޒަޚަމްވި ދެ މީހަކީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސިއޯން ބޭކަރީ ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހެކެވެ.