14 Nov 2017, 21:29
ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އައު، އަދި އެހާމެ ކުލަގަދަ އިވެންޓް "ކަލާ ރަން" މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދު ވެހިގެންދިޔަ ވާރޭގެ ފޯރިއާއެކު "ކަލާރަން" ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާނެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހު ކުރުން --- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު
"ކަލާ ރަން" އާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޖީބް ޚާން ވިދާޅުވީ، އެފަދަ ފޯރިގަދަ ދުވުމުގެ ހަރަކާތެއް ދިވެހި ދުވުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން ކަމަށާއި އެ ހަރަކާތުގެ ސަބަބުން ދުވުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް." ނަޖީބް ޚާން ވިދާޅުވިއެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހު ކުރުން --- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު
ޔުނިކްސް ސްޕޯޓްސްއާ އެކު ކުރިއަށްގެންދާ އެ ދުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭނެ ގޮތަށް އުރީދޫއިން ބާއްވަން ނިންމާފައިވާ އެ އިވެންޓަކީ ރާއްޖެއަށް މުޅިން އާ އިވެންޓެއް ނަމަވެސް އެއީ ދުނިޔޭގެ އެކިހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާ ދުވުމުގެ އިވެންޓެކެވެ. އަދި އެ އިވެންޓަށް ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހު ކުރުން --- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު
ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭނެ މަޖާ އިވެންޓެއްކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ބަހައްޓާފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫއިން ބުނީ، ހަތް އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް، އެއްވެސް ފީ އަކާ ނުލައި މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ. އަދި ކަލާ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ގަންނަން ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް އެފަރާތަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހު ކުރުން --- ސަން ފޮޓޯ: ޖަޒްލާން މުހައްމަދު
އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގެ ދުވުންތެރިންނާއި މަޝްހޫރު ގިނަ މީހުންނާއެކު އެ އިވެންޓްގެ މަޖާކަމާއި ފޯރިގަދަކަށް މިއަދު އެ އިވެންޓް އިފްތިތާހް ކުރުމުގެ ހަރަކާތުގެ ތެރެއިން ފެނިގެންދިޔައެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުންhttp://www.ooredoo.mv/color-run/މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެއެވެ.