15 Nov 2017, 09:13
ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އާއިލާ އަށް ފަހު ދެން އެންމެ މުހިއްމުވާނީ އެކުވެރިންނެވެ. މި އެކުވެރިންގެ ތެރޭ ހާޢްސަ މީހަކު ހުރެދާނެ އެވެ. މި ހާއްސަ މީހަކީ އެމީހާގެ އެންމެ ގާތް އެކުވެރިޔާ ނޫނީ ބެސްޓްފްރެންޑެވެ. ހުރިހާ ކަމެއް ހިއްސާކުރާ، ހުރިހާ ސިއްރެއް ހިއްސާކުރާ މީހާއެވެ. ބައެއްފަހަރު ދިރިއުޅުމުގެ އެއްބައެވެ.
އެކުވެރިންގެ ތެރޭ ވަކި ހާއްސަ މީހެއް އިހްތިޔާރު ކުރުން މުހިއްމު ހެއްޔެވެ؟ ބެސްޓް ފްރެންޑުންނަކީ މުހިއްމު ބައެއް ހެއްޔެވެ؟ އިނގިރޭސިވިލާތުގައި ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ފުރާވަރު އަދި ޒުވާން އުމުރުގައި ބެސްޓް ފްރެންޑެއް ނެތުމަކީ ހުސްކަމެއް އިހުސާސްވާ ކަމެއް ކަމަށެވެ. ނަމަވެސް ވަކި ހާއްސަ މީހެއް ނުބަހައްޓައި ދެތިން ހަތަރު "ގާތް އެކުވެރިޔަކު" ނޫނީ ކްލޯޒް ފްރެންޑުން ގެންގުޅުން މާ ރަނގަޅު ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.
އާންމުގޮތެއްގައި ބެސްޓް ފްރެންޑުންގެ ގޮތުގައި ލޭބަލްވަނީ އެންމެ ކުޑައިރުއްސުރެ އެކުގައި އުޅޭ އެކުވެރިކަމަށް ބަދަލު ނާންނަ މީހުންނެވެ. ކޮންމެ ކަމެއް ދިމާވިޔަސް މި އެކުވެރިޔާ އަބަދުވެސް ކައިރީ ހުންނާނެ އެވެ. އެންމެ ކުރީއްސުރެ އެކުގައި އުޅެ ހުރިހާ ކަމެއް ހިއްސާ ކުރެވޭތީ، ތިމާ އެންމެ ރަނގަޅަށް އެނގޭނީ ވެސް އާންމު ގޮތެއްގައި ބެސްޓް ފްރެންޑަށެވެ. އުފާވުމުން މޫޑަށް އަންނަ ބަދަލާ ރުޅިއަންނަ މީހުންނާ ކަންތައް އަދި ދެރަވާ ކަންތައް ވެސް އެންމެ ރަނގަޅަށް އެނގެނީ ބެސްޓް ފްރެންޑަށެވެ.
ކުރިން ފާހަގަކުރި ދިރާސާގައި ބައިވެރިވި ބައެއް ބެލެނިވެރިން އަދި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ފާގަކުރާގޮތުގައި ބެސްޓް ފްރެންޑެއް އިހްތިޔާރު ކުރުމަކީ ކުދިންގެ ދިރިއުޅުމުގައި މުހިއްމު ކަމެއް ނޫނެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ބެސްޓް ފްރެންޑަކަށް އިހްތިޔާރު ކުރާ އެކުވެރިޔާގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކުރުމުން އެކުވެރިކަމަށް ހީނަރުކަން އަތުވެދާނެ ކަމަށް ހީކުރެވުމެވެ. އެއާ އެކު ސްކޫލުގައި ގާތް އެކުވެރިން ނުލިބި، ބާކީވެފައި އިންނަން ޖެހޭ ކަމަށާއި ކުރިން އެކުގައި އުޅުނު ހަމައެކަނި މީހަކީ ބެސްޓް ފްރެންޑު ކަމަށްވުމުން މީހާގެ ސޯޝަލް ލައިފް އަށް ވެސް ބަދަލު އަންނަ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ބެސްޓް ފްރެންޑެއް ނެތުމަކީ މައްސަލައެއް ނޫނެވެ. ތިމާ އަށް އިހްތިރާމް ކުރާ، ތިމާ އެބަޔަކަށް އިތުބާރު ކުރާ ދެތިން ރައްޓެއްސެއް ދިރިއުޅުމުގައި މުހިއްމު ބަޔަކަށް ހަދާށެވެ. ބެސްޓް ފްރެންޑެއް ނެތް ނަމަވެސް، ބެސްޓް ފްރެންޑެއް ބޭނުން މީހުން ހަނދާން ކުރައްޗެވެ. ގާތް އެކުވެރިންގެ ގޮތުގައި ތިބޭ އެއްވެސް މީހަކު ދުރުކޮށް ނުލައްޗެވެ.
ގާތް އެކުވެރިންގެ "ފްރެންޑް ސާކަލް" އަކީ ގިނަ ފަހަރު ބެސްޓް ފްރެންޑަކަށް ވުރެ މުހިއްމު ބައެކެވެ. ބެސްޓް ފްރެންޑެއް ނެތިގެން ދިރިއުޅުމުގައި ހުސްކަމެއް އިހުސާސްވާ ނަމަ ބެސްޓް ފްރެންޑެއް ހޯދަން މަސައްކަތް ކުރާށެވެ. އެކުވެރިންގެ ތެރޭތިބި އެއްވެސް ބަޔަކު ދުރުކޮށް ނުލައްޗެވެ.