14 Nov 2017, 17:45
ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިނެއް މެދުވެރިކޮށް، އެކައުންޓަކަށް ޖަމާކުރި ފައިސާތަކެއް ރިޖެކްޓްވުމުން، އެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން އާންމުކުރި މީޑިއޯއިން ފެންނަ ގޮތުން ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް ބޭންކުގެ އޭޓީއެމަކަށް މީހަކު ޖަމާކުރި ފައިސާތަކެއް، އެހެން މީހަކު ނަގާ މަންޒަރު ފެނެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރަން ހުރި މީހާގެ ފަހަތުގައި މީހަކު މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި ފައިސާ ޖަމާކުރަން ހުރި މީހާ ދިއުމުން، އޭޓީއެމް ކައިރިއަށް ގޮސް، އޭޓީއެމުން ރިޖެކްޓުވި ފައިސާ މީހަކު ނަގާތަން ވެސް ވީޑިއޯއިން ފެނެ އެވެ.
ނަމަވެސް އޭނާ ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ ފައިސާ ނެގި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބެއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.