ކާށީތެލަކީ އޭގައި ދުވާ ވަހަށް ވުރެ ބޮޑަށް، އެއިން ލިބޭ ފައިދާ ބޮޑުއެއްޗެކެވެ. ބައެއް މީހުންނަށް ކާށިތެޔޮ ކަމު ނުދަނީ އެއިން ދުވާ ވަހުގެ ސަބަބުންނެވެ.

ނަމަވެސް ކާށިތެލަކީ ގިނަ ފައިދާތައް އޭގައި އެކުލެވޭ އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑާއި ގައިގެ ހަންގަނޑަށް ވެސް ގިނަ ފައިދާތައް ކުރާ އެއްޗެކެވެ.

ކާށިތެޔޮ އާންމުކޮށް ބޭނުންް ކުރަނީ ބޮލުގެ އިސްތަށިގަނޑުގައި އުނގުޅުމަށެވެ. ފަހަކަށް އައިސް ގައިގެ ހަންގަނޑުގައި ވެސް ކާށިތެޔޮ އުނގުޅާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

1. ހަންގަނޑުގައި ފިހިފައި ހުންނަ ތަންތަނުގައި ކާށިތެޔޮ އުނގުޅާށެވެ. އެތަން ފަސޭހަވާލެއް އަވަސްވާނެ އެވެ.

2. މޫނުގައި ނަގާ ބިއްސާއި ލަކުނުތައް ފިލުވައިލުމަށް ވެސް ކާށިތެޔޮ ބޭނުން ކުރެވިދާނެ އެވެ. ހަންގަނޑުގައި ލަކުނު ނެގުމަށް މެދުވެރިއަކަށްވާ ހޯމޯންތައް ނައްތައިލުމުގައި ކާށިތެޔޮ އެހީވެދެ އެވެ. މޫނުގައި ހުންނަ ބިހިތައް ރަތްވުމާއި ދޮސްލުމުން ސަލާމަތްވުމަށް ވެސް ކާށިތެޔޮ ބޭނުން ކުރެވޭނެ އެވެ.

3. ކުޑަކުދިން ޖަހާ ނެޕީގެ ސަބަބުން ކުދިންގެ ހަންގަނޑުގައި ހުންނަ ނެޕީ ރޭޝް ފިލުވައިލުމަށް ވެސް ކާށިތެޔޮ ބޭނުން ކުރެވޭނެ އެވެ. ކުދިން ނެޕީ ޖެހުމުގެ ކުރިން ކާށިތެޔޮ ފޮދެއް އުނގުޅާލާށެވެ.

4. އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ވެސް ކާށިތެލަކީ އެހީއެކެވެ. ޔޫވީ ދަޅަތަކުން ލިބޭ ގެއްލުން 30 ޕަސެންޓް ކުޑަކުރުމަށް ކާށިތެޔޮ ބޭނުން ކުރާށެވެ.

5. މަދިރި ހެފުމުން ހަންގަނޑުގައި ނަގާ ބިހި ނޫނީ ފިތްގަނޑު ހިރުވުމުން ދުރުކުރުމަށް ވެސް ކާށިތެލަކީ ރަނގަޅު ފަރުވާއެކެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް