ބޮޑާ ވުމަކީ، އިންސާނާ އެނާގެ ނެތް ފަންވަރު ދެއްކުމެވެ. އެހެންމީހުންގެ ކުރިމަތީގައި ތިމާއަކީ މާ މޮޅު މީހަކު ކަމުގައި ދުށުމެވެ. މިސިފައަކީ ލަޢްނަތްލެއްވި ޝައިޠާނާ އިންސާނާއަށް ޒީނަތްތެރި ކޮށް ދޭސިފައެކެވެ. ޝައިޠާނާވެސް ހަލާކުވެގެން ދިޔުމުގެ އަސްލެއްކަމުގައި ވެގެންދިޔައީ ބޮޑާވުމެވެ. ތިމާއަކީ މާ މޮޅު މީހަކު ކަމުގައި ދުށުމެވެ. މާތް ﷲ މާތް ކުރައްވައި ޚަލްޤު ކުރެއްވި އިންސާނާގެ މައްޗަށް ބޮޑާވުމެވެ. މިވާހަކަ ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ."އިބިލީސް މެނުވީއެވެ. އެކަލޭގެ ބޮޑާވެ ކާފިރުވި މީހުންގެ ތެރެއިންވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ އިބިލީސް އެވެ! ތިމަންރަސްކަލާނގެ ޔަދުޤުދުރަތްފުޅުން )އެއްވެސް ވާސިޠާ އަކާ ނުލައި( ހެއްދެވި މީހަކަށް ސަޖިދަ ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ ކަލޭގެ )ސަޖިދަކުރުމަށް( ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ."

މާތް ﷲ ލަޢްނަތްލެއްވި ފިރުޢަވްނުވެސް ބަނީ އިސްރާއީލުންނާ މުޚާޠަބުކޮށް ބުނީ ތިމަންނާއަކީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ކަލާނގެއެވެ. ނަމްރޫދުވެސް މާތް ﷲ ހައްދަވާފައިވާ ޚަލްޤު ތަކުންގެ މައްޗަށް ބޮޑާގަތެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް އެމީހުންގެ ބޮޑާކަމުން ކުރި ފައިދާއެއްނެވެ.

ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ބޮޑާކަމުން ދުރުހެލި ވުމާއި ބެހޭގޮތުން ނަޞީހަތް ދެއްވަމުން ވިދާޅުވެފައިވެއެވެ."އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައި ނުލާށެވެ! )އެބަހީ: މޫނު އަނބުރައި ނުލާށެވެ!( އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." )ލުޤުމާން:18(

އިންސާނުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވާކަންތައްތަކުގެ ތެރޭގައި، ތިމާގެ ޢިލްމުވެރިކަމާއި، މުއްސަދިކަމާއި، ނަސަބާއި ޙަސަބުގެ މަތިވެރިކަމާއި، ތިމާ މާމަތީމަޤާމެއްގައި ހުރުމާއި، މިފަ އެތަށް ކަމެއް ހިމެނެއެވެ. މިއިން އެއްވެސް ކަމެއްގެ ބޭނުން ބޮޑާވުމުގެ މަޤްޞަދުގައި ހިފައިފިނަމަ، ޤިޔާމަތް ދުވަހުން އެއްވެސް ފައިދާ އެއް އެމީހަކަށް ނުކުރާނެއެވެ.

ބޮޑާކަމަކީ މާތް ﷲ ގެ ސިފަފުޅެކެވެ. އެކަލާނގެ ޛާތުފުޅަށް ޚާއްޞަ ކުރައްވާފައިވާ ސިފަފުޅެކެވެ. ޤުދިސިއްޔަ ޙާދީޘެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ." ޢިއްޒަތްތެރިކަމަކީ ތިމަންރަސްކަލާނގެ އިޒާރުކޮޅެވެ. ބޮޑާކަމަކީ ތިމަންރަސްކަލާނގެ ރިދާކޮޅެވެ. އެކަން ނިގުޅައިގަތުމަށް މަސައްކަތް ކުރާ މީހަކަށް ތިމަންރަސްކަލާނގެ ޢަޛާބު ދެއްވާނަމެވެ."

މާތް ﷲ އިންސާނުން ހައްދާވާފައިވަނީ އެކަލާނގެ އަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އެއްވެސް ޙާލެއްގެ އެކަލާނގެ މައްޗަށް ބޮޑާވުމަކަށް ނޫނެވެ. ރަޙުމަތާއި ބަރަކާތާއި ފާފަފުއްސެވުމުން ފުރިފައިވާ މިފަދަ މައްސަރެއްގައި ތިމާއަކީ ހެއްދެވި ޚާލިޤުވަންތަ ﷲ އަށް ބޮޑާވާ މީހަކަށް ނުވާށެވެ. ބޮޑާކަމުގެ ފިޔަގަނޑު ތިރިކޮށްލައި މާތް ﷲ އަށް ބިރުވެތިވާ މީހެއްގެ ގޮތުގައި ހުރެ މިމަހުގެ ބަރަކާތްތެރިކަން ލިބޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. ތިމާގެ ހިތުގައި ބޮޑާކަމުގެ ޒައްރެއްގެ މިވަރުވާ މީހާވެސް ސުވަރުގެ ނުވައްދަވާނެތެވެ.