ޕްރޮފެސަރު ހަސަން އުގައިލް ރާއްޖޭގެ ސްކޫލްތަކުގައި ލެކްޗާ ދިނުން މަނާކޮށްފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބައެއް ސްކޫލުތަކުގައި ލެކްޗާ ދިނުން އުގެއިލްއަށް މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑީއާތަކުން ކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްރީގެ ހެޑް އޮފް ސްކޫލް އެޑްމިނިސްޓްރޭޝަން ޝެރީނާ އަބްދުއް ސަމަދު މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ އެއްވެސް އެންގުމެއް އެޑިޔުކޭޝަން މިނިސްޓްރީން ޕްރޮފެސަރު އުގައިލްއަށް އަންގާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެޑިޔުކޭޝަން މިނިސްޓްރީން ޕްރޮފެސަރު ހަސަން އުގައިލަށް އަންގާފައެއް ނޫވާނެ ސްކޫލުތަކުގައި ލެކްޗާ ނުދެވޭނެ ކަމަށް. އަދި އެފަދަ އެއްވެސް ކަމެއް މަނައެއް ވެސް ނުކުރަން،" ޝެރީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުތަކުގެ "އެކްޓިވިޓީ" ކަލެންޑަރަކީ މާކުރިން ފެށިގެން ރޭވިފައިވާ ކަލަންޑަރެއް ކަމަށާއި ކުއްލި ކުއްލި އަށް އަންނަ ކަންތައްތަކަށް ޖާގަ ދޭން އަބަދު ވެސް އުނދަގޫވާ ކަމަށެވެ. އަދި އެފަދަ ފުރުޞަތު ނުދެއްވާ ކަމަށް ޝެރީނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޕްރޮފެސަރު އުގައިލް ވިދާޅުވެފައި ވަނީ އޭނާ ސްލޫލްތަކުގައި ލެކްޗާ ދިނުން މަނާ ކުރި ކަމުގެ މައުލޫމާތެއް އެބޭފުޅާ އަށް ވެސް ލިބިފައިވާ ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް ސީދާ އެބޭފުޅާއަށް އެފަދަ އެންގުމެއް އެޑިޔުކޭޝަނުން އަންގާފައިވާ ކަމެއް ވިދާޅެއް ނުވެ އެވެ.

ޕްރޮފެސަރު އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެވެ. އެނާ މިވަގުތު ވަޒީފާ އަދާކުރައް ވަނީ އިނގިރޭސިވިލާތުގަ އެވެ.