14 Nov 2017, 08:40
ދެހާސް ފަސް ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ކޮމެޑީ ފިލްމު 'ނޯ އެންޓްރީ'ގެ ދެވަނަ ބައި، 'ނޯ އެންޓްރީ މޭ އެންޓްރީ'ގެ ލީޑު ރޯލުން ފެނިގެން ދާނީ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ކަމަށް ޚަބަރުތައް ބުނެފި އެވެ.
މި ފަހަކަށް އައިސް "މަސާލާ" ފިލްމުތަކުން އަކްޝޭ ނުފެނުނު ނަމަވެސް، އަނީސް ބަޒްމީ ޑައިރެކްޓު ކުރާ 'ނޯ އެންޓްރީ'ގެ ސީކުއަލް އަށް އަކްޝޭ ހަމަޖައްސައިފައި ވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
'ނޯ އެންޓްރީ'ގެ ލީޑު ރޯލުން ފެނިގެން ދިޔައީ ސަލްމާން ޚާން އެވެ. ސީކުއެލް ފުރަތަމަ ހުށަހެޅީ ވެސް ސަލްމާން އަށެވެ. ނަމަވެސް އޭނާ ވަނީ ފިލްމަށް ނޫނެކޭ ބުނެފައެވެ. އޭގެ ފަހުން ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އަށް ވެސް ފިލްމު ހުށަހެޅި ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.
ބޯނީ ކަޕޫރު ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ލީޑު އެކްޓަރު ފެނިގެން ދާނީ ޑަބަލް ރޯލުންނެވެ.
ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓު ފައިނަލްކޮށް ކާސްޓު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ދެވަނަ ބައިގައި ފެނިގެން ދާނީ މުޅިން ތަތާފު ކާސްޓެއް ކަމަށް ބެލެވެ އެވެ.
ސަލްމާންގެ އިތުރުން 'ނޯ އެންޓްރީ' ގައި އަނިލް ކަޕޫރު، ފަރްދީން ޚާން، ބިޕާޝާ ބާސޫ، ލާރާ ދައްތާ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިތުލީގެ މުހިންމު ރޯލުތަކުން ފެނިގެން ދިޔައެވެ.