14 Nov 2017, 08:26
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީގެ ސީއީއޯ މަގާމަށް އައުޝަން ލަތީފް އައްޔަނު ކުރައްވައިފި އެވެ.
ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯގެ މަގާމަށް އައުޝަން އައްޔަންކޮށްފައި ވަނީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭނާ އެ މަގާމަށް އައްޔަން ކުރުމަށް ޑިރެކްޓަރުންގެ ބޯޓުން ނިންމައިގެންނެވެ.
އައުޝަން ވަނީ އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް ފައިނޭންސުން މަތީ ތަޢުލީމް ޙާސިލްކުރައްވައި، އޮސްޓްރޭލިއާގެ ފައިނޭންސް ދާއިރާގެ ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ޒަރީޢާއިން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ގުޅުވާލައި ކެޕިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށްމެ ފަހިކޮށްދިނުން ކަމަށެވެ.
ސީއީއޯގެ މަގާމަށް އައުޝަން އައްޔަން ކުރުމަށްފަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަހަރު ތެރޭގައި މޯލްޑިވްސް ސެކިއުރީސް ޑިޕޮސިޓަރީން ތަޢާރަފުކުރި "އިންފިނިޓީ" ޕޯޓަލް އިތުރަށް ތަރައްޤީކޮށް، އެ ޕޯޓަލްއިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުންފުނިން ކުރިއަށް ގެންދާ ކަމަށެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއެކު ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަށް މި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ ވަޞީލަތްތައް ފުޅާކޮށް ތަރައްޤީކުރުން،“ އައުޝަން ލަތީފް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު ސީއެމްޑީއޭ އިން ލައިސަންސްދީފައިވާ ދެ ފުށް ފެންނަ އުސޫލުން ކުންފުނިތަކަށާއި އާންމުންނަށް ހިއްސާގެ ބާޒާރުގެ ޚިދުމަތްފޯރުކޮށްދޭ ކުންފުންޏެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިހާތަނަށް ނުވަ ކުންފުންޏެއް ވަނީ ލިސްޓުކޮށްފައެވެ.