14 Nov 2017, 08:29
ރާއްޖޭގެ ޖުޑީޝަރީގެ ތެރެއިން ކަންކަން އިސްލާހުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދެވި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ހަތް މެންބަރަކު މ. ކުނޫޒްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވިދާޅުވީ ޖުޑީޝަރީގެ ތެރެއިން ކަންކަން އިސްލާހުވާ ގޮތަށް، އެހެން މުއްސަސާތަކުން ވެސް އެ މަންޒަރުތައް ފެންނަން ޖެހޭ ކަމަށެވެ.
"މިހާރު އަޅުގަނޑުމެނަށް އެބަފެނޭ ޖުޑިޝަރީ ތެރެއިން ކަންކަން އިސްލާހު ވެގެން އަންނަ މަންޒަރު. މިއަދުވެސް ތިން ވަކީލަކަށް ސަސްޕެންޝަން ދޫކޮށްލައިފި ކަމަށް އަޅުގަނޑު ފާހަގަކުރުން. އެހެންވީމަ މި އަންނަނީ ރަނގަޅު ވަމުން،" އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށާއި މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނަމުންދާތީ، އެ މައްސަލައަށް ސާފު ހައްލެއް ސުޕްރީމް ކޯޓުން ހޯދަންޖެހޭނެ ކަމަށެވެ.
"ގައުމު ވެއްޓެމުން މިދަނީ ވަރަށް ބޮޑު އަދަވަޅަކަށް. އެހެންވީމަ މިކަމުން ސަލާމަތް ކުރުމަށްޓަކައި ކުރިއަށްވުރެން ވެސް ބޮޑަށް މަސަތްކަތްކޮށްދެއްވާށޭ. އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ގޮވާލަން ރާއްޖޭގެ ސްޕްރީމް ކޯޓުން ވީހާވެސް އަވަހަކަށް އަޅުގަނޑުމެންގެ މި މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް،" ސައުދު ވިދާޅުވިއެވެ.
މަޖިލިސް މެދުވެރިކޮށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެރިކަން ވައްޓާލައި ބަޣާވާތެއް ގެންނަން މަސަތްކަތް ކުރަމުންދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ތުހުމަތުކުރަމުންދާތީ، ރޭގެ ބައްދަލުވުމުގައި އެ މެންބަރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައެވެ.
އެގޮތުން ވެރިއަކަށް ހުންނަ މީހަކު ގާނޫނާ ގަވާއިދުގެ ބޭރުން ކަންތައްތަކެއް ކުރާނަމަ އެ މީހަކު މަގާމުން ދުރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް އެ މަންބަރުން ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރުން ކުރައްވާނީ ގާނޫނީ މަސަތްކަތް ކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކުގައި ވެސް މަޖިލީހުގެ ތެރެއިން ކޮށްފައިވަނީ ގާނޫނީ މަސަތްކަތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.