13 Nov 2017, 22:45
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން އަމިއްލައަށް މަރުވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަކަށް ދެ ދިވެއްސެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެ ދައުވާ އުފުލީ ރ. މަޑުއްވަރީ މީހަކާއި ފުވައްމުލަކު މީހެއްގެ މައްޗަށެވެ.
އެ ދައުވާއާ ގުޅޭ ތަފްސީލެއް ޕީޖީ އޮފީހަކުން އަދި ހާމައެއް ނުކުރެ އެވެ. އަދި ފުލުހުން ވެސް އެ މައްސަލައާ ގުޅޭ ތަފްސީލެއް ނުދެ އެވެ. އެހެންކަމުން އެ ދައުވާ ރައްދުވާ ދެ މީހުންގެ ވަނަވަރެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގަ އެވެ. ހައްޔަރުކޮށްފައި ތިބި އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް ޖަހާފަ އެވެ.
އަމިއްލައަށް މަރުވެގެން އެ ދެ މީހުން ހަމަލާ ދޭން އުޅުނީ ރާއްޖޭގައި ކަމެއް އަދި ބޭރު ގައުމެއްގައި ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި އެ މީހުންނާ އައިއެސް ޖަމާއަތާ ގުޅުން އޮތް ކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.