13 Nov 2017, 22:56
ތެހެރާން (ނޮވެމްބަރު 13): އީރާނާއި އިރާގު ގުޅޭ ބޯޑަރު ކައިރިއަށް ރޭ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 400 އަށް ވުރެ އިތުރުވެ، އަނިޔާވި މީހުންގެ އަދަދު 7،000ށް އަރައިފި ކަމަށް އެ ދެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އީރާނުގެ ފާސް ނޫހުން ބުނި ގޮތުގައި 7.3 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 407 އަށް އަރާފަ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު ވަނީ 6،700 އަށް އަރާފަ އެވެ.
އިރާގުގެ ހަލަބްޖާއާ 30 ކިލޯމީޓަރު ދުރުން އައި އެބިންހެލުމުގައި އެ ގައުމުން ހަތް މީހަކު މަރުވެ، 300 މީހުންނަށް އަނިޔާވެފައިވާ ކަމަށް އިރާގުގެ ރުޑޯ ނޫހުން ބުންޏެވެ. އަދި އެބިންހެލުމުގެ އަސަރު އީރާނާއި އިރާގުގެ އިތުރުން ތުރުކީ އާއި އިސްރާއީލާއި ކުވެއިތަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އިރާގާއި އީރާނުން ކުރިއަށްގެންދާ އިރު، ތުރުކީގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ އިރާގަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ 20 މީހަކާއި އެހީގެ ބާވަތްތައް ފޮނުވާފަ އެވެ. އަދި އީރާނުން އެހީއަށް އެދެފި ނަމަ އެގައުމަށް ވެސް އެހީ ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
އީރާނަކީ މުޅި ދުނިޔެއިން ވެސް ބިންހެލުންތައް އެންމެ ގިނައިން އަންނަ އެއް ގައުމެވެ. އެގައުމަށް މީގެ 14 އަހަރު ކުރިން އައި 6.6 މެގްނިޓިއުޑުގެ ބިންހެލުމެއްގައި 26،000 މީހުން މަރުވެފައިވެ އެވެ. (އަލްޖަޒީރާ)