13 Nov 2017, 20:21
އިޓަލީގެ ކޯޗު ކަމުން ޖިއަމްޕިއޭރޯ ވެންޗޫރާ ވަކިކޮށް، އެ ޓީމުގެ ކޯޗް ކަމަށް ކާމިޔާބު ކޯޗު ކާލޯ އަންޗެލޯޓީ ގެންނަން އުޅޭ އަޑުތައް ފެތުރެން ފަށައިފިއެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގެ ޖާގަ ހޯދުމަށް ކުޅެންޖެހޭ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުން ސްވިޑެން އަތުން އިޓަލީ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅޭ ދެ ވަނަ ލެގް މެޗުން އިޓަލީއަށް ނަތީޖާއެއް ނުނެރެވިއްޖެނަމަ 1958ގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ވޯލްޑްކަޕުން ޖާގަ ގެއްލޭނެ އެވެ.
ވެންޗޫރާ އިޓަލީ ލައްވާ ކުޅުވާ ގޮތާމެދު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވަމުންދާއިރު، ރިޕޯޓުތައް ބުނާ ގޮތުގައި ވޯލްޑްކަޕްގެ ޖާގަ އިޓަލީއަށް ލިބުނަސް، ވެންޗޫރާ ކޯޗު ކަމުން ވަކި ކުރާނެއެވެ.
ސެޕްޓެމްބަރު މަހު ފަހުކޮޅު ބަޔާން މިޔުނިކްގެ ކޯޗު ކަމުން ވަކި ކުރުމުން އެންޗެލޯޓީ މިވަގުތު ހުރީ ހުސްކޮށެވެ. މި ސީޒަންގައި އިތުރު ޓީމަކާ ހަވާލު ނުވާނެ ކަމަށް އޭނާ ބުނި ނަމަވެސް އިޓަލީގެ މީޑިއާތަކުން ބުނަނީ އިޓަލީގެ ފުޓްބޯޅަ އިދާރާއިން އޭނާއާ ވާހަކަ ދައްކަން އިށިންދެއްޖެނަމަ އަންޗެލޯޓީގެ ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަންޗެލޯޓީ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި އިޓަލީގެ ޔުވެންޓަސް އައީ އޭސީ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާނަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.