ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ސަސްޕެންޑް ކުރި ތިން ވަކީލެއްގެ ސަސްޕެންޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑިޖޭއޭ) އިން އުވާލައިފި އެވެ.

ސަސްޕެންޝަން މިފަހަރު އުވާލި ވަކީލުންނަކީ ގާނޫނީ ވަކީލާ މަރިޔަމް ހަނީފާ ހާލިދާއި ގާނޫނީ ވަކީލާ ފަރީޝާ އަބްދުﷲ އަދި ގާނޫނީ ވަކީލު ފަތުހުﷲ އިސްމާއިލް އެވެ.

ޑީޖޭއޭ އިން މިރޭ ކުރި އިއުލާނެއްގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑުކުރި އެ ތިން ވަކީލުންގެ މައްސަލަ ބެލުމަށްފަހު އެބޭފުޅުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާކުރެވިފައި އޮތް އޮތުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މިއަދު ތިން ވަކީލެއްގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމާއެކު ސަސްޕެންޝަން އުވާލި ވަކީލުންގެ އަދަދު 39 ކަށް ވަނީ އަރާފަ އެވެ. ސަސްޕެންޑު ކުރި 54 ވަކީލުންގެ ތެރެއިން ސަސްޕެންޝަން އުވާނުލައި ބާކީ ތިބީ 12 ވަކީލެ ކެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ވަކީލަކު ޕެޓިޝަނެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ހުށަހެޅީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ އިލްތިމާސް ސުޕްރީމް ކޯޓުން އެ ދުވަހު ބަލައި ގެންފައެއް ނުވެ އެވެ.