ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އާކިޓެކްޗާ ޑިގްރީ ކޯހުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިމެނިފައިވާ މިންވަރު ބެލުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ބާއްވާ މަސައްކަތުގެ ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

ޝީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގެ ޕާމަނަންޓް ސެކެޓަރީ އަޖުވަދު މުސްތަފާއެވެ.

އަޖުވަދު ވިދާޅުވީ މަސައްކަތުގެ ބައްދަލުވުމުގެ ސަބަބުން ތަފާތު ހިޔާލުތައް އެއްކުރެވި މަސައްކަތް ކުރުމަށް ހަވާލުވެފައިވާ ޔުޓިލިކޯ ޕްރައިވެޓް ލިމިޑެޓާ އަންސަ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުލަވައިލާ ކަރުދާސްތަކުގައި ހިމެނޭ މައުލޫމާތުތަކަކީ ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްގީއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ހިޔާލުތައް މަސައްކަތުގެ ބައްދަލުވުމުގައި ހިއްސާކުރަން. އޭރުން މި މަސައްކަތް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށްދާނީ،" އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި މިއަދު ކުރިއަަށްދާ ސެޝަން ހާއްސަ ކުރެވިފައި ވަނީ ސަރުކާރުގެ މުއައްސަސާތަކަށް މައުލޫމާތު ދިނުމަށް ކަމަށާއި އަދި މާދަމާގެ ސެޝަން އަމިއްލަ ކުންފުނިތަކަށް ހާއްސަ ކުރެވިގެންދާނެ ކަމަށް ވެސް އަޖުވަދު ވިދާޅުވި އެވެ.

އަޖުވަދު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ތެޔޮ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ކުޑަކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ތެލަށް ބަރޯސާ ވެފައިވާ ގައުމެއް ކަމަށެވެ.

އާކިޓެކްޗާގެ މާސްޓާސް ޑިގްރީ ކޯހެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގެ ބައްދަލުވުން ކުރިއަށް ގެންދަނީ ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލޭންޑް ސްޓްރެޓެޖީސް މަޝްރޫއާ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތަކެވެ.