ހއ. ތަކަންދޫ އަދި ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރި ދެ މިސްކިތެއް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިސްކިތްތައް ހުޅުއްވައިދެއްވީ މިނިސްޓަރު މިހާރު ހއ. އަދި ހދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ މިނިސްޓަރުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން މިސްކިތްތަކުގެ ހާލަތު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ދެރަށުގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވުމަށް ވަކިވަކިން ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ދެ މިސްކިތަކީވެސް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ ދެ މިސްކިތެވެ.

މީގެ ތެރެއިން ހދ. ހަނިމާދޫގައި ޢިމާރާތްކުރެވުނު މަސްޖިދު މޫސާ ޢަލީ މިސްކިތް ހުޅުއްވައިދެއްވީ އިއްޔެގެ މެންދުރު ނަމާދުގެ ކުރިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހއ. ތަކަންދޫގައި އަލަށް ޢިމާރާތްކޮށްފައިވާ މަސްޖިދުއްޝަހީދު ޢަލީ ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދުގެ މެންދުރު ނަމާދު ކުރިން އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު މިރޭ މާލެ ވަޑައިގަންނަވާނެއެވެ.