04 Aug 2011, 23:35
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗް ކުލަބް އީގަލްސް އިން ކާމިޔާބު ކޮށްފި އެވެ.
ޕޮލިސް ކުލަބާއި ބައްދަލުކޮށް މިއަދުގެ މެޗް އީގަލްސް އިން ކާމިޔާބު ކުރި 5-2 ލަނޑުން ނެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑުޖަހާ މެޗްގެ ލީޑް އީގަލްސް އިން ނެގީ ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އަބްދުﷲ އިބްރާހިމް އެވެ. އަދި ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ޕޮލިސް ކުލަބްގެ މައްޗަށް 3-0 ލަނޑުގެ ލީޑެއް ނަގައި ކުރި ހޯދައިފައެވެ.
މެޗްގެ ދެ ވަނަ ހާފު ފެށިތަނާ ކަހަލަ ގޮތަކަށް އީގަލްސް އިން އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 4-0 ލަނޑަށް ބަދަލުކޮށްލާފައި ވަނިކޮށް، ޕޮލިސް ކުލަބުން ޖެހި އެޓީމްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑުއައީ މެޗްގެ 56 ވަނަ މިނެޓުގައެވެ. އަދި ޕޮލިސް ކުލަބްގެ ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 61 ވަނަ މިނެޓުގައި މުހައްމަދު ރަޝީދެވެ
މެޗްގައި އީގަލްސް އިން ޖެހި އެޓީމްގެ ފަހު ލަނޑު ޖަހާފައި ވަނީ 63 ވަނަ މިނެޓުގަ އެވެ.
މިއަދުގެ މެޗުން އީގަލްސް މޮޅުވެ، ގޯލްގެ ތަފާތުން ގްރޫޕްގެ އެންމެ ކުރީގައި ތިން ޕޮއިންޓާއެކު އޮތް އިރު ދެ ވަނާގައި އޮތް ނިއު އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ތިން ވަނާގައި ވިކްޓަރީ އޮތް އިރު އެތީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަދި ވިކްޓަރީއެކޭ އެއްފަދައިން ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ޕޮލިސް ކުލަބެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ވެލެންސިއާ އާއި މާޒިޔާއާ ވީބީ ސްޕޯޓްސް އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ދޭއްގައި ހިމެނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މިމުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅިން ވާދަކުރާ ވީބީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާ އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައެވެ.