ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ޔާމީން އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ކައިރީގައިވާ ދެ ފަޅެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ ދެ ރިސޯޓު ގާއިމްކުރުމުން 4،000 ވަޒީފާ އުފެދޭނެ ކަމަށާއި އެ އިންވެސްޓްމެންޓަށް އެންމެ ކުޑަކޮށްބަލާކަމުގައި ވާނަމަވެސް، 200 މިލިއަނަށްވުރެ ބޮޑު އަދަދެއް ޚަރަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.