13 Nov 2017, 12:20
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ދައުލަތުގެ ވަކީލު ރާއްޖޭގައި ނެތުމުން ކެންސަލް ކޮށްފި އެވެ.
މިއަދު ހެނދުނު 10:00ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފައި ވަނީ، އެ މައްސަލާގައި ވަކާލާތު ކުރާ ދައުލަތުގެ ވަކީލުން ރާއްޖޭގައި ނެތުމުން ޕީޖީން މައްސަލަ ކެންސަލް ކޮށްދިނުމަށް އެދި ސިޓީ ފޮނުވުމުންނެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރިކަން އެންގީ އަޑުއެހުން ފަށަން ތާވަލުކޮށްފައި އޮތް ގަޑީގެ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ދައުވާ ކުރަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ނިންމުމުން، މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ބޭނުންވާ 42 މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ، މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އެދުވަހު ދައުވާއާ ގުޅިގެން އިތުރު ލިޔުމެއް ދައުލަތުން ހުށަހަޅާފައި ވާތީ ފާރިސްގެ އެދިވަޑައިގަތުމަކަށް އެ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ އެވެ. އެ އަޑުއެހުމުގައި ކުރިއަށްދާނީ މައުޟޫއީ ގޮތުން މައްސަލަ ފެށުމުގެ ކުރިން އިޖުރާއީ ގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމެވެ.