04 Aug 2011, 23:27
ވޮޝިންގޓަން (އޮގަސްޓް 4) : ސޮމާލިޔާގައި ހައިހޫނުކަން ތަޙައްމަލްކުރާ މީހުންގެ ތެރެއިން 29 ހާސް ކުޑަކުދިން ވޭތުވެދިޔަ ތިންމަސްދުވަހުގެ ތެރޭގައި ކާބޯތަކެތި ނުލިބިގެން ބަނޑަށް މަރުވެފައިވާ ކަމަށް އެމެރިކާ ބުނެފިއެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ އެމެރިކާ ސަރުކާރުގެ އެޖެންސީއެއްގެ ފަރާތުން ވާހަކަ ދެއްކި ނެންސީ ލިންޑްބާރގް ކޮންގްރެސްއަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ ސޮމާލިޔާގެ ދެކުނުގެ ސަރަޙައްދު ތަކުގައި މި 29 ހާސް ކުޑަކުދިން ބަނޑަށް މަރުވެފައިވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިހްމާލުން ކަމަށާ މިއީ ދުނިޔެ ލަދުގަންނަންޖެހޭ ކަމެއްކަމުގައެވެ.
އދ. ން ވަނީ ސޮމާލިޔާގެ އިތުރު ތިން ސަރަޙައްދެއް ހައިހޫނުކަމުގެ ސަރަޙައްދުގެ ގޮތުގައި އެކަށައަޅާފައެވެ. ހައިހޫނުކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ އާބާދީ ބޮޑުވެފައި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރިޔަށް ނުގެންދެވޭތީ ސޮމާލިޔާގައި ހައިހޫނު ކަމުގެ މައްސަލަ ކޮންޓްރޯލްނުވެ ގިނަޢަދަދެއްގެ ބަޔަކު ހައިހޫނު ކަމުގައި މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އދ. ން ބުނެއެވެ.
ކާބޯތަކެތީގެ އެހީ ދިނުމުގައި ޙަރަކާތްތެރިވާ ޖަމާއަތްތަކުގެ ރިޕޯޓްތައް ބުނާގޮތުން ސޮމާލިޔާގެ އިތުރުން އެފްރިކާގެ ދަޅުގައި ހިމެނޭ އިތިރއޮޕިޔާ ކެންޔާ އަދި ޖިބޫތީ ގައިވެސް ބަނޑަށް ޖެހިފައިވާ އެތަށް ސަރަޙައްދުތައް އެބަހުއްޓެވެ. މިހަތަރު ޤައުމުގައި ޖުމްލަ 12.4 މިލިޔަން މީހުން ހައިހޫނުކަމުގެ ކާރިޘާއަށް ހުށަހެޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޮމާލިޔާއާއި އެފްރިކާގެ ދަޅުގެ އެހެން ޤައުމުތަކުގައި 12. 4 މިލިޔަން މީހުން ބަޑަށް ޖެހުމުގެ ބިރާ ކުރިމަތިވެފައި ވުމުގެ އިތުރުން ސޮމާލިޔާގައި އެތަށް ބަޔަކު މިހާރު ބަނޑަށް މަރުވަމުން ދިޔަނަމަވެސް މިކާރިޘާ އާ ކުރިމަތިލުމަށް ބޭނުންވާ މިންވަރަށް ދުނިޔޭގެ ޤައުމުތަކުން އެހީ ނުލިބޭތީ ކަންބޮޑުވާ ކަމަށް އދ. ން ބުނެއެވެ. -- ރޮއިޓާސް