13 Nov 2017, 11:37
ޕްލޭ އޯފްގައި ކުރި ހޯދައި، ކްރޮއޭޝިއާ އާއި ސްވިޒަލެންޑުން އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ހޯދައިފި އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ދެ ވަނަ ލެގު މެޗުގައި ލަނޑެއް ނުޖެހި ގްރީސް އަތުން އެއްވަރުވި ނަމަވެސް ކްރިއޭޝިއާ އިން ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ 4-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ގްރީސްއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ގްރީސްގެ އަނަސްޓަސިއޯސް ބަކަސެޓަސް އާއި ސްކްރާޓިސް ޕަޕަސްޓަތޮޕޮލަސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
ފުރަތަމަ ހާފުގައި ކްރޮއޭޝިއާއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ސިމޭ ވާސަލްޖްކޯ އާއި އިވާން ޕެރިސިޗްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭގެ ތެރެއިން މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ޕެރިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ދެ ވަނަ ހާފުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ގްރީސް އިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ދެ ވަނަ ހާފުގައި ގްރީސްގެ ޕަނަގިއޮޓިސް ޓޮޗްސިޑިސް އަދި އެ ޓީމުގެ ޑިމިޓްރިއޯސް ޕެލްކާސްއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ.

ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރުމަށްފަހު ސްވިޒަލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ސްވިޒަލެންޑާއި ނޮދަން އަޔަލެންޑް ރޭ ބައްދަލުކުރި ދެ ވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ 1-0 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.
އެ މެޗުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ސްވިޒަލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ޒާޑަން ޝަކީރީ އާއި ސްޓީވަން ޒުބާ އަދި ހަރީސް ސެފެރޮވިޗްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.