13 Nov 2017, 12:48
އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްގެ ވާހަކަ އަކީ ފަހުގެ ފޯނުތައް ގަންނަން ފޫގަޅައިގެން ތިބޭ މީހުންގެ މެދުގައި މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކަ އެވެ. އެއްބަޔަކު މިހާރު އައިފޯން އެކްސް ގަނެ، އެ ބޭނުން ކުރަން ވެސް ފަށައިފި އެވެ. ނަމަވެސް ހީކުރި ވަރަށް ވުރެ މި ފޯނު "ފީކަޅާ" ކަމަށް ބައެއް މީހުން ބުނެއެވެ.

އައިފޯން އެކްސްގެ ސްކްރީނަށް ފެހި ރޮނގެއް އަރާފައި
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އައިފޯނު އެކްސްގެ ސްކްރީނަށް ފެހި ކުލައިގެ ރޮނގެއް އަރާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެ ރޮނގުގެ ޝަކުވާ އެކި ފޯރަމްތަކުގައި އުފުލަމުން އަންނަ އިރު މިއީ ފޯނު ބޭނުންކުރަން ފެށުމަށް ފަހު އަރާ ރޮނގެއް ކަމަށް އެމީހުން ބުނެ އެވެ. މި ރޮނގު ސްކްރީނުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ގިނަ ބަޔަކު މި ރޮނގު ސިފަކުރަނީ "ޑެތު ރޮނގު"ގެ ގޮތުގަ އެވެ.

ފިނި ގަދަ ވުމުން އައިފޯން އެކްސްގެ ސްކްރީން ހުއްޓޭ މައްސަލަ ދިމާވޭ--
އައިފޯން އެކްސްގައި ދެން ދިމާވަނީ ވަކި ޓެމްޕަރޭޗަރެއްގައި ނޫނީ ފޯނު ބޭނުން ނުކުރެވޭ މައްސަލަ އެވެ. މި ފޯނު އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވަކިވަރަކަށް ވުރެ ފިނި ވުމުން އައިފޯނުގެ ސްކްރީން ފްރީޒްވާ ކަމަށާއި ފޯނުގެ މަސައްކަތް ވެސް ހުއްޓޭ ކަމަށް މި ރިޕޯޓުތައް ބުނެ އެވެ. އެޕަލް އިން ބުނަނީ މި މައްސަލައިގެ ހައްލު އައިއޯއެސްގެ ކުރިއަށް އޮތް އަޕްޑޭޓާ އެކު ލިބޭނެ ކަމަށެވެ.
ދެން ކުރިމަތިވާ އަނެއް މައްސަލަ އަކީ ލަވަ ޖަހާއިރު އަޑުބާރުކުރުމުން ސްޕީކަރުން އަޑެއް އެރުމެވެ. އެގޮތުން ސްޕީކަރުގެ ވޮލިއުމް 50 އަށް ވުރެ މަތިކުރުމުން މި އަޑު އަރާ ކަމަށް އައިފޯނު އެކްސް ބޭނުން ކުރާ މީހުން އަންނަނީ ބުނަމުންނެވެ.
އެޕަލް އިން އައިފޯން އެކްސް ވިއްކަމުން އަންނަނީ 999 ޑޮލަރަށެވެ. މިއީ 64 ޕަސެންޓް ޕްރޮފިޓް މާޖިންއަކާ އެކު ކަނޑައަޅާފައިވާ އަގެކެވެ.