13 Nov 2017, 12:23
ދިއްލީ (ނޮވެމްބަރު 13): އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި އޮންނަ ކްރިޝްނާ ކޯރުގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 16 މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ދީނީ ހަފްލާއަކަށް 38 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ އެބޯޓުން ވަނީ މިހާތަނަށް 20 މީހަކު ސަލާމަތްކޮށްފަ އެވެ. އަދި އެ ގައުމުގެ ނެޝަނަލް ޑިޒާސްޓާ ރިލީފް ފޯސް (އެންޑީއާރުއެފް) އިން ދަނީ އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަންދުރަ ޕްރަދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި ތޮއްޖެހިފައިވާ އެބޯޓު ދުއްވަން ހުރީ ލައިސެންސެއް ނެތް މީހެކެވެ. އަދި އެސްޓޭޓުގެ ޓުއަރިޒަމް މިނިސްޓަރު ވަނީ އެހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް ޔަމުނާ ކޯރުގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 19 މީހަކު މަރުވެފައިވެ އެވެ. (ބީބީސީ)