ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް އަންހެން ދަރިއެއް ލިބުނުކަން އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރޮނާލްޑޯ އެ ހަބަރު ދިން އިރު، އެއީ ޖޯޖީނާއަށް ލިބުނު ފުރަތަމަ ދަރި އެވެ. އަދި އެއީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަތަރު ވަނަ ދަރި އެވެ.

ރޮނާލްޑޯ ވަނީ ސަޕޯޓަރުންނަށް އެ ހަބަރު ދިނުމުގެ ގޮތުން، މެޑްރިޑްގައި ހުންނަ ހޮސްޕިޓަލް ކުއިރޮން ޔުނިވާސަލްގައި، އޭނާގެ ލޯބިވެރިޔާ އާއި ދޮށީ ފިރިހެން ދަރި ކްރިސްޓިއާނޯ ޖޫނިއާ އަދި އަލަށް ލިބުނު ދަރިއާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާއަށް ލިބުނު ހަތަރު ވަނަ ދަރިއަށް ކިޔާ ނަން ވެސް ހާމަކޮށްފައެވެ. އިންސްޓްގްރާމްގައި ރޮނާލްޑޯ ހިއްސާކުރި މެސެޖުގައިވާ ގޮތުން، އޭނާގެ ދަރިއަށް ދީފައި ވަނީ އެލޭނާ މާޓިނާ އެވެ.

އެ މެސެޖުގައި ރޮނާލްޑޯ ލިޔެފައި ވަނީ، އެލޭނާ މާޓިނާ އުފަންވެއްޖެ ކަމަށާއި ދަރި އާއި ލޯބިވެރިޔާ ޖޯޖީނާގެ ހާލު ވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި އިތުރު ދަރިއެއް ލިބުމުން އެކަމާމެދު ވަރަށް އުފާކުރާ ކަމަށް ވެސް އޭނާ މެސެޖުގައި ބުނެފައިވެ އެވެ.

ރޮނާލްޑޯއަށް ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެއްމާބަނޑު ދެ ކުދިންވެސް ލިބިފައެވެ. ރޮނާލްޑޯ އެ ދެ ކުދިން ހޯދާފައި ވަނީ ''ސަރޮގެޓް މަދަރ''އެއްގެ އެހީގައެވެ. އެ ދެ ކުދިންގެ މަންމަ އާއި ދޮށީ ދަރި ކްރިސްޓިއާނޯ ޖޫނިއާގެ މަންމަ އަކީ ކާކުކަން ރޮނާލްޑޯ ސިއްރު ކޮށްފައިވާ އިރު، އޭނާގެ ދޮށީ ދަރި އުފަންވެފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަލަށް ލިބުނު ދަރިއާ އެކު، ރޮނާލްޑޯގެ މިހާރު ތިބެނީ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

ހަބަރުތައް ބުނާ ގޮތުގައި، ރޮނާލްޑޯ އާއި އުމުރުން 22 އަހަރުގެ ޖޯޖީނާ ލޯބީގެގޮތުން ގުޅިފައި ވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅެވެ.