ބޮލީވުޑްގެ ކުޅަދާނަ ބަތަލު ޝާހިދު ކަޕޫރު މިހާރު ކުޅެމުންދާ ފިލްމް 'ބައްތީ ގުލް މީޓަރު ޗާލޫ' އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ޝްރީ ނާރަޔަން ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމަކީ ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޝާހިދު އާއި އެކީ ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.

ކެޓްރީނާ ވަނީ ފިލްމްގެ ސްކްރިޕްޓް ކިޔަން ދިނުމުން އެ ފިލްމް ކުޅެން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ފިލްމްގެ ޑައިރެކްޓަރު ބުނީ އަބަދުވެސް ޝާހިދާ އެކީ މަސައްކަތް ކުރާ ހިއްވާ ކަމަށާއި ޝާހިދުގެ އެކްޓިންގް އަށް އަބަދުވެސް ލޯބިކުރާކަމަށެވެ.

"ޝާހިދަކީ ހުނަރުން ފުރިވެގެންވާ ފަންނާނެއް. މޮޅު އެކްޓަރެއް. އެ ޓޭސްޓް އޭނާގެ ގައިގައި އެބަހުރި. ވަރަށް ފަސޭހަ އޭނައާ އެކީ މަސައްކަތްކޮށްލަން،" އޭނާ ބުންޏެވެ.

އެ ފިލްމަކީ އިންޑިއާގައި ބޮޑު މައްސަލައެއް ކަމުގައިވާ ކަރަންޓްގެ މައްސަލައާއި ބެހޭގޮތުން ތައްޔާރުކުރާ ފިލްމެކެވެ.

ޝާހިދު އެންމެ ފަހުން އެކްޓް ކުރި ފިލްމް 'ޕަދްމާވަތީ' އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާނެއެވެ.