ތެހެރާން(ނޮވެމްބަރު 13): އީރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދަށް އައި 7.3 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އެދެ ގައުމުން 140ށް ވުރެ ގިނަ މީހުން މަރުވެ، 860 މީހުންނަށް އަނިޔާވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނި ގޮތުގައި އެބިންހެލުން އައީ އީރާނުގެ ހަލަބްޖާއާ 30 ކިލޯމީޓަރު ދުރުން، 33.9 ކިލޯމީޓަރު އަޑިއަށެވެ. އަދި އެބިންހެލުމުގެ އަސަރު ތުރުކީ އާއި އިސްރާއީލާއި ކުވެއިތުގެ ސަރަހައްދުތަކަށް ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއައިއެންއެންއިން ބުނި ގޮތުގައި އެ ބިންހެލުމުގެ އަސަރު އެގައުމުގެ 14 ޕްރޮވިންސަކަށްކޮށްފައިވެ އެވެ. އަދި އިރާގުން ހަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކުރާ އިރު، އެހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

އީރާނަށް 2003 ވަނަ އަހަރު އައި 6.6 މެގްނިޓިއުޑުގެ ބިންހެލުމެއްގައި ތާރީހީ ސިޓީއެއް ކަމަށްވާ ބަމް، ބިމާ ހަމަވެ، 26،000 މީހުން މަރުވެފައިވެ އެވެ. (ބީބީސީ)