13 Nov 2017, 08:57
ހދ. ކުޅުދުއްފުށި ކައިރީގައި ހުރި ފަޅުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި ހަދާ ރިސޯޓުތަކުގައި 1500 ޓޫރިސްޓު އެނދު އިތުރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ރޭ ބޭއްވި ޕީޕީއެމްގެ "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޅުދުއްފުށި ކައިރީގައި ވިއްސަކަށް މިނިޓުން ލޯންޗުގައި ދެވޭ ހިސާބުގައި ފަތުރުވެރިކަމަށް ތަރައްގީ ކުރާނެ ރަށްރަށާއި ބިޔަ ފަޅުތައް އެބަހުރި ކަމަށެވެ.
"ހަމަ ފިތްކަނޑައިގެންދާނެ ފަޅެއްގެ ބޮޑުމިން، އަޅުގަނޑަށް ލިބިފައި އޮތް ތަފާސްހިސާބުގެ އަދަދު ރަނގަޅު ކަމުގަ ވަންޏާ. އަދަދު ދަންނަވައިފިކަމަށް ވަންޏާ. އެއް ފަޅަކީ 785 ހެކްޓަރު. އަނެއް ފަޅަކީ އެއްހާސް ކޮންމެވެސް ހެކްޓަރެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މާލެ ވަޑައިގެން އެތަންތަން ތަރައްގީ ކުރުމަށް ގެޒެޓުކުރާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ، ކުޅުދުއްފުށީގެ އިގްތިޞާދަށް ސީދާ ޓޫރިޒަމްގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ރިސޯޓެއް ހެދުމަށް މިހާރު ދެ އަހަރު ދުވަހުގެ މުއްދަތެއް ބޭނުން ނުވާނެ ކަމަށާއި، އަހަރެއްހާ ދުވަހުގެ މުއްދަތުން އެކަންކަން ކުރެވޭނެ ކަމަށެވެ.
"ކުޅުދުއްފުށީ ސަރަހައްދަށް އެކަނި އަޅުގަނޑުމެންނަށް މިހާރު ލިބިފަ ހުރި ތަފާސްހިސާބަށް ބަލާކަމުގަ ވަންޏާ 1500 އެނދު އެބަ އިތުރު ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެކަމުގެ ސަބަބުން 4،000 ރިސޯޓު ވަޒީފާ އުފެދޭނެ ކަމަށެވެ. އަދި އެ އިންވެސްޓްމެންޓަށް އެންމެ ކުޑަކޮށްބަލާކަމުގައި ވާނަމަވެސް، 200 މިލިއަނަށްވުރެ ބޮޑު އަދަދެއް އަރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައިރީގައި ހުރި ފަޅުތައް ތަރައްގީ ކުރުމަށް ހުޅުވާލުމަށް ރައީސް ނިންމެވި އިރު، އިއްޔެ ވަނީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމީން ފަށްޓަވައިދެއްވާފައެވެ.