ހދ. ކުޅުދުއްފުށީގައި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ބަނދަރަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ބަނދަރު ކަމަށެވެ.

ދިގުމިނުގައި 1100 ފޫޓު އަދި ފުޅާމިނުގައި 500 ފޫޓު ހުންނަ އެ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ މި ބަނދަރަކީ ހަމައެކަނި އާދައިގެ ބަނދަރެއް ނޫން. ބޭރު ތޮށީގައި ވެސް އޮޑިދޯނިފަހަރު އެޅޭ ގޮތަށް ވަރަށް ފުރިހަމައަށް، އަދި އަރިމަތީ ތޮށީގަވެސް ފިންގާ ޖެޓީތަކެއް ލެވިފައި އޮންނަ ވަރަށް ބޮޑަށް، ވަރަށް ވިސްނުމާއެކީގައި ބޭނުންކުރެވިގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ބަނދަރެއް،" މުއިއްޒު ވިދާޅުވިއެވެ.

ބޭރުގެ ހިލޭ އެހީގެ ދަށުން ހަދާ އެ ބަނދަރާއެކު މަސްމާރުކޭޓަކާއި ވަރަށް ފުރިހަމަ ފެރީޓާމިނަލެއް ވެސް އެ ރަށުގައި ގާއިމްކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ފެރީޓާނަލް ތެރޭގައި ފިހާރަތަކާއި އެކިއެކި ވިޔަފާރި ކުރެވޭ ތަންތަން ވެސް ހުންނާނެ ކަމަށެވެ.

"އަދިވެސް އެވަރަކުން ނިމުނީކީ ނޫން. އެ ބަނދަރު ބޭނުން ކުރެވޭނެ މެއިންޓަނަސް އާއި އެ ބަނދަރު ބޭނުން ކުރާނެ ގޮތް ދަސްކޮށްދޭ ކެޕޭސިޓީ ބިލްޑުކުރުން ވެސް ހިމެނޭ. މި ރަށުގެ ކައުންސިލާއި އަދި މިކަމުގައި އުޅޭނެ ފަރާތްތަކަށް ތަމްރީނު ދިނުމާއި އެ ބަނދަރުން ނަފާ ހޯދާނެ ގޮތްތަތައް ދަސްކޮށްދިނުން ވެސް ހިމެނޭ. އެހެންވީމަ މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ މަޝްރޫއު،" މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބަލާލިޔަސް ފެންނަމުންދަނީ އެފަދަ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. އަދި މިއަދު ރައްޔިތުން ތިބި ގޮތް ފެންނަމުންދާ ކަމަށާއި ރައްޔިތުން ތިބީ ފަނާކުރަނިވި ފިކުރާ ދުރުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ފިކުރު. ތަރައްގީގެ ފިކުރު. އެއީ މިހާރު ރާއްޖޭގެ ކޮންމެ ދިމާލަލުން އިވެމުންދާ އަޑަކީ. އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ،" މުއިއްޒު ވިދާޅުވިއެވެ.