ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު ހުރި މަގާމުން "ކައްސާލާނެ" ތިން ބޮނޑި ގައިގާ އަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އަޅުގަނޑަށް އަޅުގަނޑު ހުރި މަގާމުގަ ނުވަތަ އަޅުގަނޑު ހުރި ފިޔަވަޅުން ކައްސާލާނެ ތިން ބޮނޑި އަޅުގަނޑު ގައިގާ އަޅައިފިރައީސް ޔާމީން

ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ޕީޕީއެމްގެ "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓު ނަމްބަރަކަށް ލިބުނީ "ތިނެއް" ކަމަށާއި، އެއީ އުފާވެރި އަދި ހިތްދަތިކަން ހިމެނޭ ނަމްބަރެއް ކަމަށެވެ.

"އަޅުގަނޑަށް އަޅުގަނޑު ހުރި މަގާމުގަ ނުވަތަ އަޅުގަނޑު ހުރި ފިޔަވަޅުން ކައްސާލާނެ ތިން ބޮނޑި އަޅުގަނޑު ގައިގާ އަޅައިފި،" ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ބޮނޑިއަކީ އެންމެ ކައިރިން އަޅުގަނޑު މަރާލަން ދިން އުދުވާނީ ހަމަލާ. ދެ ވަނަ ބޮނޑިއަކީ އަޅުގަނޑު ޕާޓީގެ އެންމެ އިސް ސަފުގައި އުފެދުނު ކޯޅުން. ހައްތަހާވެސް ޕާޓީއަށް ހީނަރުކަން އަންނަ ކަންކަން. ތިންވަނަ އުދުވާނަކީ، ތިންވަނަ ތަފާލަކީ، އަޅުގަނޑުމެން ރައްޔިތުންގެ ލޯތްބާ އިހްތިރާމާއެކީ ޕާޓީން ހޮވި އަޅުގަނޑުމެންގެ އެތައް ބައިވަރު މެމްބަރުންތަކެއް، އަޅުގަނޑުމެން ދޫކޮށްލާފަ ނުކުމެ ކުރި ބަގާވާތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނަމްބަރު ތިނަކާ އެކު ވަރުގަދަ ތިން އިމްތިހާނު ސިޔާސީ ހަޔާތުގައި ތަހައްމަލު ކޮށްފައިވާ ކަމަށާއި، އެކަންކަމާ ކުރިމަތިވީ، ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކުރެވޭތީ ކަމަށެވެ.

ޕާޓީން މެމްބަރުން ވަކިވެގެން ދިއުމަކީ، ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، އަދިވެސް އެކަން އިމްތިހާނު ކުރަންޖެހިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުރިހާ އެންމެން ވެސް އިހްލާސްތެރި ހިތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕާޓީއަކަށް ވެރިކަން ލިބުމުން ޕާޓީ ތެރޭގައި އަރާރުންވުމުގެ ބަދަލުގައި، ޖެހޭނީ އެއްބައިވަންތަ ވާން ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި އެ ވެރިކަމެއް ކާމިޔާބު ވެރިކަމަކަށް ހަދައި ދަމަހައްޓަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ހަޔާތަކީ ފަސޭހަ ހަޔާތެއް ނޫން ކަން ފާހަގަކުރައްވަމުން ވިދާޅުވީ، ސިޔާސީ ހަޔާތުގައި އަބަދުވެސް ކުރިމަތިލާންޖެހެނީ، ހަމަނުޖެހުމާއި ހަސަދަވެރިކަމާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ވެރިކަމަށް އައީ ރައްޔިތުންނަށް އުއްމީދުތަކެއް ގެނެސްދެމުން ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި، ދީން ރައްކާތެރި ކުރުމަށްޓަކައި އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި އިސްވެ ނުކުމެފައި ވަނީ ޕީޕީއެމުން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފިކުރާއި ވިސްނުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް ރައީސް ވިދާޅުވި އެވެ.