ކުޅުދުއްފުށީ އެއާޕޯޓަށް އަންނަ އަހަރުގެ އޮގަސްޓު މަހުގައި ފުލައިޓް ޖައްސަން ފަށާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ޕީޕީއެމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުން އެ އެއާޕޯޓް ވެގެންދާނީ ތިލަދުއްދަތީގެ މައި ގޭޓަށް ކަމަށާއި އެ ސަރަހައްދުގެ ނާރެސް އަކަށްވާނީ އެތަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. ބަޖެޓުގައިވާ ތަފާސްހިސާބުތަކަށް ބަލައި، އަންނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ފްލައިތް ޖައްސާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީގައި ޕީޕީއެމުން ބޭއްވި "އުދުހޭ" ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ކުޅުދުއްފުށީ ކުޅިން ބޮބި ފާ ކޮށްގެން، ރޯނުވެށުމުގެ މަސައްކަތް ކުރަމުންދާތީ އެ މަަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ތާއަބަދު "ބޮބި ފާކުރަން" ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެންނެވުމުން އެ ރަށުން ދެންނެވި މަރުހަބާއިން ވެސް ތަރައްގީއަށް ކުޅުދުއްފުށީ ރައްޔިތުން ބޭނުންވެފައިވާ ވަރު އެނގިގެން ހިނގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހދ. ކުޅުދުއްފުށީގައި ޕީޕީއެމުން ބޭއްވި "އުދުހޭ" ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސިފަކުރެއްވި ގޮތުގައި ކުޅުދުއްފުށިން ރައީސް ޔާމީނަށް ދެންނެވި މަރުހަބާއަކި ރަށަކުން އެންމެ ފުރިހަމައަށް ރައީސަށް ދެންނެވި މަރުހަބާ ކަމަށެވެ.