12 Nov 2017, 23:00
ދައުލަތަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަތީ ތައުލީމް ހާސިލު ކުރެއްވުމަށް ދައުލަތުން ދީބާނާޒް ކުރެއްވި ހަރަދު ހޯދުމަށް ދައުލަތުން ދައުވާ ކުރުމުން އެ ފައިސާ ދެއްކުމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ދީބާނާޒްގެ އަތުން ހޯދުމަށް ދައުލަތުން ދައުވާ ކުރި 559،820 ރުފިޔާ ދައުލަތަށް އަނބުރާ ދެއްކުމަށް ދީބާނާޒްގެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި އެ ފައިސާ އަދާކޮށްދޭނެ ގޮތަކާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ދީބާނާޒް ގަބޫލުކޮށްފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައި އަންނަ ޑިސެމްބަރު މަހުން ފެށިގެން 36 މަސް ދުވަހަށް ކޮންމެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަމުންގޮސް ފައިސާ ދައްކައި ހަލާސްކުރުމަށް ދީބާނާޒް އަށް ވަނީ އަންގައިފަ އެވެ.
ޕީޖީ އޮފީހާއި ދީބާނާޒް އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ކޯސް ފުރިހަމަ ނުކޮށްފި ނަމަ، ދައުލަތުން އެ ކޯހަށް ހަރަދުކުރި ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ.
ދީބާނާޒް ކޯހުގެ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރައްވާ ކަމަށްވެ އެވެ. އެހެން ނަމަވެސް ފަހުން އޭނާ އެ ކޯސް ފުރިހަމަ ކުރެއްވި އެވެ.
ދީބާނާޒް ވަނީ ޕީޖީ އޮފީހަށް ހަ އަހަރު ދުވަހު ހިދުމަތްކޮށްފަ އެވެ. ޕީޖީ އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް ދީބާނާޒް މަސައްކަތް ކުރެއްވި އެވެ.