12 Nov 2017, 20:50
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ ރަށުގެ ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ ނުހުއްޓި އެ މަސައްކަތް ކުރިއަށް ދިއުން ކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގެ މަހާޖައްރާފާއި ކުޅުދުއްފުށީގައި ތަރައްގީ ކުރާ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ރަށަށް އެއާޕޯޓު ބޭނުންވާ ކަމަށާއި، އެކަމަށް ދެކޮޅު ހަދާ މީހަކާ ކުޅުދުއްފުށިން ދިމާ ނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މަހާޖައްރާފުން ކުޅި ހިއްކުމަށްފަހު އެތަނުގައި އިތުރުކަމެއް ނުހިނގާނެ ކަމަށް މީހުން ވިސްނާ ވިސްނުން ބަދަލު ކުރުމަށް ނުހުއްޓި މަޝްރޫއު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
"މަހާޖައްރާފު އައިސް ކުޅި ހިއްކަފާނޭ. ދެނެއް އެތާކު ކަމެއް ނުހިނގާނޭ. މީ މިވަގުތަށް ކޮށްލި ކަމެކޭ. އަޅުގަނޑު އެދޭ އެދުމަކީ މި ވިސްނުން ބަދަލު ކުރުމަށްޓަކައި އަޅުގަނޑުމެން ކެނޑިނޭޅި އެއް ހަރުފަތުން އަނެއް ހަރުފަތަށް ކުރަން ހުރި މަސައްކަތްތައް ކުރުން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް މަޝްރޫއުގެ މަސައްކަތް ހިނގާތަން ފެނުމަށް އެދޭ ކަމަށެވެ.

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން: އެ މަޝްރޫއު ފައްޓަވައި ދެއްވީ ރައީސް ޔާމީން.
"އަޅުގަނޑުގެ ވާހަކައަކީ، ބިން ހިއްކުމުގެ މަސައްކަތް ނިމި ބިންގަނޑު ހަރުވާ އިރުގައި ބިން ގަނޑުގައި ތާރު އެޅުމުގެ މަސައްކަތް ފެށުން. އެކަން ނިމޭ އިރުގައި އަނެއް ކަމަކަށް ދެވޭ ގޮތް ވުން. ރައްޔިތުންނަށް އަބަދުވެސް އެއާޕޯޓުގެ މަސައްކަތް ގޮސް ނިމެންދެން ކަންތައްތައް ހިނގާތަން ފެނުން އެއީ ހުރިހާ ރައްޔިތުންގެވެސް އެދުމަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި، ކުޅުދުއްފުށީ ކައުންސިލަރުން ވެސް އެއާޕޯޓުގެ މަޝްރޫއަށް ސަރުކާރަށް އެއްބާރުލުން ދިނީތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުން (ކައުންސިލަރުން)ނަކީ އަދި ސިޔާސީ ވިސްނުމުގެ ގޮތުން އަޅުގަނޑުމެންނާ ތަފާތު ބޭފުޅުން ކަމުގައި ވީނަމަވެސް މި މަސައްކަތުގައި ސަރުކާރާ އެއް ފިޔަވަޅެއްގައި އެބޭފުޅުން އެގެންދަވަނީ ހިންގަވަމުން. އަދި އެއީ ރަށުގެ ތަރައްގީއަށް އެ އެއާޕޯޓު މުހިއްމުކަން އެ ބޭފުުޅުން ވެސް ގަބޫލު ކުރައްވާތީ،" ނަޝީދު ވިދާޅުވި އެވެ.
އަދި އެކައުންސިލަރުން އެމީހުންގެ ޕާޓީގެ ވިސްނުމާ ޚިލާފަށް، ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ކުރައްވަނީ އެއާޕޯޓުގެ މުހިއްމުކަން ގަބޫލު ކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސްރޫއު ފެއްޓުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ކައުންސިލަރުން ---
ނަޝީދުގެ ވާހަކަފުޅުގައި ކުޅުދުއްފުށި އިގްތިސާދީ ގޮތުން އެހެން ދިމާލަކަށް ދާންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަން ހާސިލުވާން އޮތް ގޮތަކީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެެ.
އޭނާ ވިދާޅުވީ، އެއާޕޯޓު ހުޅުވި ބޭނުން ކުރެވެން ފެށުމުން ތައުލީމީ ގޮތުންނާއި ސިއްހީ އަދި ވިޔަފާރީގެ ގޮތުން ކުރިއަރާނެ ކަމަށެވެ. އަދި އެ ރަށަށް އެއާޕޯޓު މުހިއްމުވާ ސަބަބަކީ އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ.