12 Nov 2017, 18:45
ކުޅުދުއްފުށީގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު އެމްޓީސީސީގެ މަހާޖައްރާފު ދާނީ ށ. ފުނަދޫގައި އަޅާ އެއާޕޯޓުގެ ބިން ހިއްކުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުނަދޫގައި އެއާޕޯޓް އެޅުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން ---
"ކުޅުދުއްފުށީގެ އެއާޕޯޓު ނިންމާފަ މިހާ ހިސާބުން މަހާޖައްރާފު ދަނީކީ ނޫން. ރައީސް ނިންމާފައި އޮތީ ށ. ފުނަދޫގަ އެއާޕޯޓު ނިންމާފަ ގޮއްސަ ފުނަދޫގެ އެއާޕޯޓުވެސް ހިއްކުމުގެ މަސައްކަތް ނިންމާފަ ދާން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުނަދޫގައި އެއާޕޯޓު އެޅުމަށް ހިއްކަންޖެހޭ ސަރަހައްދު ވަކިކޮށް، ބަންޑުވޯލްގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
"މިތަނުން މަސައްކަތް ނިންމާފަ މަހާޖައްރާފު ފުރައިގެންދާއިރު ފުނަދޫއާ ކައިރިކޮށް ފުނަދޫގައި ވެސް އަޅަންޖެހޭ ވެލި އަޅާ ނިންމާފަ ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ށ. ފުނަދޫގައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ/ ފުނަދޫ ކައުންސިލް
ފުނަދޫގައި އެއާޕޯޓު އެޅުމަށް އެ ރަށުން 62 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ބަންޑުވޯލް ޖެހުމުގެ މަސައްކަތް ފެށިތާ މިހާރު ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި ބައެއް އެއާޕޯޓުތައް ބޮޑެތިވެގެން ދިޔަތަން ފެނިފައިވާ ކަމަށާއި، ހަދަން ހުރި އެއާޕޯޓުތައް ވެސް އަދި އެބަހުރި ކަމަށެވެ. އަދި އެ އެއާޕޯޓުތައް އަވަސް ސްޕީޑެއްގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން ރާވަފަ ހުރި އެއާޕޯޓުތައް ހއ، ށ، ނ، ރ، ޅ، ފ، އަދި ގދ ގެ ދެ އެއާޕޯޓު، މި އެއާޕޯޓުތައް އިރާދަކުރެއްވިއްޔާ ނިމިގެންދާނީ އަޅުގަނޑުމެންގެ އެމްޕީ އައިބީ ވިދާޅުވާހެން ރޮކެޓް ސްޕީޑްގައި،" ޒަމީރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.