12 Nov 2017, 18:05
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފައްޓަވައި ދެއްވައިފި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އަޅާ ބިން ހިއްކަން ހަވާލު ކޮށްފައިވާ އެމްޓީސީސީއާ އެވެ. އެއާޕޯޓް އަޅުމަށްޓަކާ ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ހިއްކާނެ އެވެ.
ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިކަން މިއަދު ރައީސް ފައްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވޯކީ ޓޯކީގެ ޒަރިއްޔާއިން އެމްޓީސީސީގެ ކޮންނަ ބޯޓުމަހާ ޖައްރާފުގެ ކެޕްޓަނަށް އަންގައިގެންނެވެ.
ރައީސް އިޒުނައާއެކު ފެނިގެން ދިޔައީ މަހާ ޖައްރާފު، ބިން ހިއްކަން ފެށި މަންޒަރެވެ.

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން: އެ މަޝްރޫއު ފައްޓަވައި ދެއްވީ ރައީސް ޔާމީން.
ބިން ހިއްކުމުގެ މަސްރޫއު ފެއްޓުމަށް ބޭއްވި ހަފްލާގައި ވަހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ޝެޑިއުލިކޮށްފައިވާ ގޮތުން 2018ގެ މެދު ތެރޭގައި އެއާޕޯޓުގެ ހުރިހާ މަސަތްކަތެއް ނިންމާލެވޭނެ ކަމަށެވެ.
"ކުޅުދުއްފުށީގައި އެޅެން މި އޮތީ 1200 މީޓަރުގެ ރަންވޭ އެއް. 1200 މީޓަރުގެ ރަންވޭއެއް އަޅައިގެން މިތަނުގައި މިހާރު ރާއްޖޭގެ އެހެން އެއާޕޯޓުތަކެކޭ އެއްގޮަތަށް ދެވޭ ހުރިހާ ހިދުމަތްތަކެއް އިރާދަ ކުރެއްވިއްޔާ ދެވޭނެ. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ގަބޫލު ކުރަނީ، މިހާރު މި ހިއްކޭ 8.9 ހެކްޓަރު އަދި 6.2 ހެކްޓަރުގެ ބިން ހިއްކާ ނިމޭ އިރުގައި މި އެއާޕޯޓަށް ބޭނުންވާ ހުރިހާ ބިމެއް އޮންނާނީ ހިކިފައި،" ޒަމީރު ވިދާޅުވިއެވެ.