އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށްޓަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ރަށުގެ އުތުރު ބަނދަރު ސަރަހައްދަށް އެއްވެފައި ތިބި މީހުން ގިނަކަމުން، އެ މީހުންނާ ސަލާމް ކުރުމުގައި ރައީސް ޔާމީން ގަޑިއެއްހާއިރު ހޭދަކުރަންޖެހުނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގެ ރަށަކުން ރައީސަށް ދެންނެވި އެންމެ ފުރިހަމަ މަރުހަބާއެއް ދަންނަވާފައި ވަނީ ކުޅުދުއްފުށިން ކަމަށެވެ. ރައީސަށް އެ ރަށުން ކިޔާފައި ވަނީ ފިނިފެންމަލުގެ މަރުހަބާއެކެވެ. ހަވީރު ހަތަރެއް ޖެހި އިރު އެމަނިކުފާނު އެ ރަށަށް ފައިބާވަޑައިގެން އުތުރު ބަނދަރަށް އެއްވެފައި ތިބި ރައްޔިތުންނާ ސަލާމްކޮށް ނިމުނީ ފަހެއް ޖަހަން ވެފައި ވަނިކޮށެވެ.

ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ ރައްޔިތުން ނިކުމެ --- ފޮޓޯ: ރައީސް އޮފީސް

އެ މަންޒަރު ސިފަކޮށްދެއްވައި އަބްދުއްރަހީމް ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާ ކުޅުދުއްފުށީ ރައްޔިތުން ދެކޮޅު ކަމަށް ބުނާ މީހުނަށް ކުޅުދުއްފުށީ ރައްޔިތުން ރައްދު ދީފި ކަމަށާއި މުޅި ކުޅުދުއްފިށި ނުކުމު، ރައީސް ޔާމީނަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

"ކުޅުދުއްފުއްޓަކު ދެން މިއަދަކު އިތުރު ވިސްނުމަކަށް އިތުރު ހިޔާލަކަށް ޖާގައެއް ނެތޭ. ރައީސް ޔާމީނާއެކީ ކުޅުދުއްފުށީ ރައްޔިތުން މިތިބީ ވަރަށް ބޮޑަށް ސާބިތުވެ،"

ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

"ކުޅުދުއްފުށިން ހދ.އިން ރައީސް ޔާމީނަށް މި ދެންނެވި މަރުހަބާ އަކީ މިހާތަނަށް ރާއްޖޭގެ ރަށަކުން ރައީސް ޔާމީނަށް ދެންނެވި އެންމެ ފުރިހަމަ މަރުހަބާއޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ކުޅުދުއްފުށިން ފެނިގެން ދިޔައީ އެ ރަށުގެ ރައްޔިތުން ބޭނުން ވަނީ ކުޅީގެ ބަދަލުގައި އެއާޕޯޓެއް ކަންކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ ރައްޔިތުން ނިކުމެ: ކަނބަލުން ވަނީ ރައީސަށް ފިނިފެންމަލުގެ ފިޔަތަކުން މަރުހަބާ ދަންނަވާފައި --- ފޮޓޯ: ރައީސް އޮފީސް

އާބާދީގައި 10،000 އެއްހާ މީހުން ދިރިއުޅެމުންދާ ކުޅުދުއްފުއްޓަކީ ރާއްޖޭގެ ހަތަރު ވަނައަށް އެންމެ މީހުން ގިނަ ރަށެވެ. އިދިކޮޅު އެމްޑީޕީއަށް ތާއީދު ބޮޑު ކަމަށް ބެލެވޭ އެ ރަށުގެ ފަސް ކައުންސިލަރުން ވެސް ނިސްބަތް ވަނީ އެ ޕާޓީއަށެވެ.

ނަމަވެސް ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ކުޚުދުއްފުށިން ފެނިގެން ދަނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމްޑީޕީގެ ކައުންސިލަރުން ވެސް ފުރިހަމައަށް އެއްބާރުލުންދީ އެ މަޝްރޫއުތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންދާ މަންޒަރެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސްރޫއު ފެއްޓުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ކައުންސިލަރުން ---

ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފިކުރާ ދެކޮޅަށް ޕީޕީއެމްގެ ސަރުކާރާ އެކު ކުޅުދުއްފުށީގެ ކައުންސިލަރުން އެއާޕޯޓްގެ މަޝްރޫއުގައި ބައިވެރިވަނީ ރަށުގެ ހުރިހާ ރައްޔިތުންގެ މަންފާ އިސްކުރުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުދެންނެވީމަ ގަބޫލުކުރައްވާ ސަރުކާރާއި އެކުގައި ކައުންސިލް ބޭފުޅުން މަސަތްކަތްކޮށްދެއްވާނެ އެއާޕޯޓްގެ މަސަތްކަތް ނިމެންދެން. އެއީ ކުޅުދުއްފުއްޓަށް މުހިންމު އިގްތިސާދީ ޕްރޮޖެކްޓަކަށް އެ ޕްރޮޖެކްޓް ވާތީ،" ރައީސް ޔާމީންގެ އިތުރުން އެ ރަށުގެ އެމްޑީޕީ ކައުންސިލަރުން ތިބި ހަފްލާގައި ނަޝީދު ވިދާޅުވިއެވެ.