ރޯދަ މަހަށް ހާއްސަކޮށްގެން މިފްކޯގެ ރޯމަސް މާރުކޭޓެއް މާލޭގައި ހުޅުވައިފި އެވެ.

މާލެ ސިޓީ ކައުންސިލާ މިފްކޯ ގުޅިގެން މިއަދު މެންދުރު ހުޅުވި މާރުކޭޓު ހުންނަނީ ޓީ ޖެޓީ ކުރިމަތިން، ކުރިން ކަރާ މާރުކޭޓު ނުވަތަ ޗަމްޕާ މާރުކޭޓު ހުރި ތަނުގައި ކަމަށް މާލޭ ސިޓީ އިން ބުންޏެވެ.

އަލަށް ހުޅުވި ރޯމަސް މާރުކޭޓުގައި ވިއްކަނީ މިފްކޯގެ ބޯޓުތަކުން ކަނޑައިގެންނާއި ނުކަނޑާ ގެންނަ މަހެވެ. އާދައިގެ މަހެއް ކަނޑައިގެން ވިއްކަނީ 75ރ. އާއި 80ރ. އަށެވެ. އަދި ނުކަނޑާ މަހެއްގެ އަގަކީ 35ރ. އާއި 40ރ. އާ ދޭތެރޭގަ އެވެ.

މާލޭ މަސްމާރުކޭޓުގައި މަހުގެ އަގުތައް އުފުލެން ފެށުމުން، އާއްމުންނަށް ވީހާވެސް ފަސޭހައިން އަދި ވީހާ ވެސް ހެޔޮ އަގެއްގައި މަސް ލިބޭނެ ގޮތް ހެދުމުގެ ގޮތުން ސިޓީ ކައުންސިލާއި މިފްކޯ އިން މަޝްވަރާކުރުމަށްފަހު މިއަދު ހުޅުވި މާރުކޭޓަށް ގިނަ އަދަދެއްގެ ބަޔަކު މަސްގަންނަން ދިޔަ އެވެ. ނަމަވެސް ކިލޯ ކިރައިންގެން ވިއްކާ މަހުގެ އަގު ބޮޑު ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ވަނީ ކޮށްފަ އެވެ.