12 Nov 2017, 18:13
ދިއްފުށީ ފަޅުގައި ރިސޯޓް ހަދަން ބޭނުންވާ ފަރާތްތަކުން މަދުވެގެން ފަސް މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މި މަހުގެ ދެ ވަނަ ދުވަހު ޝާއިއު ކޮށްފައިވާއިއުލާނުގައިބުނީ ދިއްފުށި ފަޅުގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މަދުވެގެން ފަސް މިލިއަން ޑޮލަރު ހުށަހަޅަންޖެހޭނެ ކަމަށާއި އަދި ބިޑު ކާމިޔާބުކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ.
ރިސޯޓް ހެދުމަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރަށް ކަަމަށާއި، ދޫކުރާފަރަތާ އެގްރިމަންޓުގައި ސޮއިކުރާތާ ތިން އަހަރު ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް އެ ބިޑަށް ކުރިމަތިލެވޭއިރު، ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި 129,701.7 ޑޮލަރު ބަހައްޓަންޖެހެ އެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލަކާއި އެންމެ ބޮޑު އަގަށް ބަލައި ބިޑު ދިނުމަަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މީގެ ކުރިން ވެސް އެ ފަޅު ވަނީ ބިޑަށް ލައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބޭ ހާމިދު އިސްމާއިލަށް ކުއްޔަށް ދޫކޮށްފަ އެވެ. ނަަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެ ފަޅު ވަނީ ހާމިދުގެ އަތުން ނަގައި އަލުން ވަނީ ބިޑަށް ލައިފަަ އެވެ.
ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ޔާމިން ސަރުކާރުގެ މި ދައުރުގައި އިތުރު ފަންސާސް ރިސޯޓް ހުޅުވަން ވަނީ އަމާޒު ކަނޑައަޅާފަ އެވެ.