13 Nov 2017, 08:59
އަބަދުވެސް އިވެނީ ބަރުދަން ލުއި ކުރުމަށް ކުރަންވީ ކަންތަކާ ކާންވީ އެއްޗެހީގެ ވާހަކައެވެ. ކޮންމެ މީހަކުވެސް ބަލަނީީ ވީހާވެސް އަވަހަކަށް ބަރުދަން ލުއިކޮށް، ލޫޅާފަތި ހަށިގަނޑެއްގެ ވެރިޔަކަށް ވެވޭތޯއެވެ. ނަމަވެސް ނިއުޓްރިޝަނިސްޓުން ވިދާޅުވަނީ ކުއްލިއަކަށް ބަރުދަން ލުއިކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.
ކުއްލިއަކަށް ބަރުދަން ލުއިވުމަކީ އެގޮތަށް އެއްވަރެއްގައި ބަރުދަން ހިފަހައްޓައިދޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ލެވެލް ދަށްވެ، ކުއްލިއަކަށް ފަލަވެ ބަރުދަން އިތުރުވާނެ ކަމެއްވެސް މެއެވެ.
ރަނގަޅު ޑައިޓެއް ކޮށްގެން، ކަސްރަތާއެކު ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަކީ އެގޮތަށް އެއްވަރެއްގައި ހިފަހަައްޓައިލެވޭނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ބަދަލަށް ހޭނި، ހަށިގަނޑަށް ފައިދާހުރި ލައިފްސްޓައިލް އަކަށް ހަށިގަނޑު ހޭނިގެންދާނެއެވެ.
ކުއްލިއަކަށް ބަރުދަން ލުއިކުރުމަކީ ގިނަ ސިއްހީ މައްސަލަތައްވެސް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ކުއްލި ބަދަލާއެކު ހަށިގަނޑަށް އެތެރެވާ ވިޓަމިންސް، މިނަރަލްސް އަދި އެހެނިހެން ނިއުޓްރިޝަންސްގެ މިންވަރު މަދުވެއެވެ. މިއާއެކު ހަސިގަނޑުން ހަކަތަ މަދުވެ ވަރުދެރަވާތަން އަތުވެދާނެއެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށް ޑޮކްޓަރީ ފަރުވާއަކާ ހަމައަށް ދާންޖެހުންވެސް އޮންނާނީ ދާދި ގާތުގައެވެ.
ހަށިގަނޑު ދުޅަހެޔޮކަން މަތީ ބަހައްޓައިގެން ބަރުދަން ލުއިކުރަން ބޭނުން ނަމަ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުލިބޭ ހެވީ މީލްސް ތައް ކެއުމުން ދުރުވާށެވެ. ބެލެންސް ޑައިޓެއް ނަގަމުން ކަސްރަތުކޮށް ފެން ބޯށެވެ. ހަށިގަނޑަށް ބޭނުންވާ އަރާމުވެސް ދޭށެވެ.
މަސްދަރު:ދަ އިންޑިޕެންޑެންޓް