އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންގެ ލިސްޓުގެ ފަހަތަށް އެ ގައުމުގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ޖައްސާލެވުމުން އުފާކުރާ ކަމަށާއި އާޖެންޓީނާ ގައުމީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.

ރަޝިއާއާ ދެކޮޅަށް އިއްޔެ އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުން އެ ޓީމު މޮޅުވެފައި ވަނީ ފަހު ވަގުތު އަގުއެރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެ މެޗުގައި އަގުއެރޯ ކާމިޔާބުކުރި ލަނޑަކީ، އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 35 ވަނަ ލަނޑެވެ. އާޖެންޓީނާ ގައުމީ ޓީމަށް މެރަޑޯނާ 34 ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު، ހެނާން ކްރެސްޕޯގެ ލަނޑުގެ އަދަދާއި އަގުއެރޯގެ ލަނޑުގެ އަދަދު އެއްވަރެވެ. ކްރެސްޕޯ އާއި އަގުއެރޯގެ ކުރީގައި އުޅޭ ދެ ކުޅުންތެރިންނަކީ 61 ލަނޑު ކާމިޔާބު ކޮށްދީފައިވާ ލިއޮނެލް މެސީ އާއި 54 ލަނޑު ކާމިޔާބުކޮށްދިން ގެބްރިއެލް ބަޓިސްޓޫޓާ އެވެ.

ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކުޅުމާމެދު އަގުއެރޯ ހިތްހަމަޖެހުނު ނަމަވެސް، އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ވަރުގަދަ ކުޅުމެއް ދައްކަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް ޖެހުނު ގޯލާއި ޓީމަށް ލިބުނު މޮޅާމެދު އަހަރެން އުފާކުރަން. އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން، އެކަމަކު މިކުޅުން ވަރުގަދަ ކުރަމުން ދާން ޖެހޭނެ. ޓީމުގައި އާ ކުޅުންތެރިން ވަރަށް ގިނަ. އަދި އެ ކުޅުންތެރިންގެ ކުޅުން ދެނެގަންނަން ވަރަށް އުނދަގޫ. ވޯލްޑް ކަޕްގެ ދަތުރުގެ ކުރިން އަހަރެމެންގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ނަތީޖާ ނެރެމުން ދާންޖެހޭނެ،" އޭނާ ބުންޏެވެ.

އާޖެންޓީނާ އިން އިތުރު އެކުވެރިކަމުގެ މެޗަކަށް އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނެ އެވެ. އެ މެޗުގައި އާޖެންޓީނާ ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ.