12 Nov 2017, 15:04
ޖިނާއީ ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ނިންމައި އެކަމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން 15،000 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް ސާފު ވެގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން ގެޒެޓުކޮށް އަމަލު ކުރަން ފަށައިފައިވާ "ޕޮލިސް ރެކޯޑް ހާމަކުރުމުގެ ގަވާއިދު"އަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ ކުށްތައް ކޮށްފައިވާ މީހުންގެ ކުށުގެ ރެކޯޑް ވަޒީފާގެ ބޭނުމަށް ސާފު ކޮށްދެވޭނެ އެވެ.
ނަމަވެސް ކުށުގެ ރެކޯޑް ސާފު ކޮށްދެވޭނީ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ތަކުރާރުކޮށް އެ ކުށް ނުކުރާ މީހުންގެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ، ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ބޮޑެތި ކުށްތައް ކޮށްފައިނުވާ 15328 މީހެއްގެ ކުށުގެ ރެކޯޑް ސާފު ކޮށްދެވޭނެ ކަމަށެވެ. އަދި ވަޒީފާގެ ބޭނުމަށް، އެކަމަށް އެދި ފުލުހުންނަށް ހުށަހެޅުމުން އެ މީހުންގެ ކުށުގެ ރެކޯޑް ސާފު ކޮށްދެވޭނެ ކަމަށް ބުންޏެވެ.
ފުލުހުންގެ ޕޮލިސް ރެކޯޑް ހާމަކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ބަލާފައި ވަނީ އެކި ގޮތްގޮތުން ކުޑަކުދިންނަށް ގޯނާ ކުރުމާއި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ތަހުގީގު ހިނގަމުންދާ ކުށެއްއަދި ރޭޕް ކުރުމުގެ ކުށެވެ.
އަދި އެ އިން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތުން ގޮތެއް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލަތައް ވެސް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެ އެވެ.
ވަޒީފާ އަށާއި މަތީ ތައުލީމަށް ހުރި ފުރުސަތު ބައެއް ޒުވާނުންނަށް ނުލިބޭތީވެ ސަރުކާރުން ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ވެސް 4000 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް ސާފު ކޮށްދީފަ އެވެ.