12 Nov 2017, 14:47
މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) ގައި ބައިވެރިވެވަޑައިގަތުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޖަރުމަނަށް މިއަދު ފުރާ ވަޑައިގެންފި އެވެ.
ކޮޕް ސަމިޓު މިއަހަރު ކުރިއަށް ދާނީ ޖަރުމަނުވިލާތުގެ ބޮންގައި ހުންނަ ވޯލްޑް ކޮންފަރެންސް ސެންޓަރ ބޮން (ޑަބްލިއުސީސީބީ)ގައި މިމަހުގެ ހައަކުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
އެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅުގައި ކުދި ޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް)"ގެ ޗެއާގެ ފަރާތުން ވާހަކަފުޅު ދައްކަވާނެ އެވެ.
އަދި ކުދި ޖަޒީރާ ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މިނިސްޓަރު މަޝްވަރާ ކުރައްވާނެ އެވެ.
އޭގެ އިތުރުން އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)އާ އެކު ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވައި އިނީޝިއޭޓިވް ފޮ ރިނިއުބަލް އައިލެންޑް އެނާޖީ (އައިރީ)ގެ މަސައްކަތްތައް ފެށުން އަވަސް ކުރުމާ ބެހޭގޮތުން ކުދި ޖަޒީރާ ގައުމުތަކުގެ ކަމާބެހޭ ވަޒީރުންނާ މަޝްވަރާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެން ކުދި ޖަޒީރާ ގަައުމު ތަކުން ކޮޕް 23ގައި އެންމެ ބޮޑަށް އަޑު އުފުލާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގަައުމު ތަކަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ޕެރިސް އެގްރީމެންޓުގައި ދިނުމަށް އެއްބަސްވެފައިވާ ފައިސާ އަވަހަށް ލިބޭނެ ގޮތެއް އިންތިޒާމުކުރުމާ ބެހޭގޮތުން،" ޖަރުމަނަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވިދާޅުވި އެވެ.
ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރެވި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.
އެގޮތުން މިއަހަރުގެ ކޮޕް ސަމިޓުގައި ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅައި، ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް މުއާހަދާ ހާސިލް ކުރުމަށް އިތުރަށް ބާރު އަޅައި 2030 ވަނަ އަހަރުގެ ކުރިން ހާސިލް ކުރަން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
ފިޖީގެ ބޮޑު ވަޒީރު ފުރޭންކް ބައިނިމަރަމާ ރައީސްކަން ކުރައްވާ މިއަހަރުގެ ކޮޕް ސަމިޓް މި ބާއްވަނީ މޫސުމީ ބޮޑެތި ކާރިސާތަކެއްގައި އޭޝިއާ، އެމެރިކާސް އަދި ކެރީބިއަންގެ އެތައް މިލިއަން ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.