ޖުޑިޝަރީ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނައި 56 ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން ހިސާން ހުސައިންއާއި އިބްރާހީމް ރިއްފަތުގެ ސަސްޕެންޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއީ) އިން އުވާލައިފި އެވެ.

ޑީޖޭއީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރި ވަކީލުންގެ ތެރެއިން ހިސާން އާއި ރިއްފަތުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށާއި މިއަދުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ ކަމަށެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، 56 ގާނޫނީ ވަކީލަކު ޕެޓިޝަނެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ހުށަހެޅީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ އިލްތިމާސް ސުޕްރީމް ކޯޓުން އެ ދުވަހު ބަލައި ގެންފައެއް ނުވެ އެވެ.

ސަސްޕެންޑް ކުރި ގާނޫނީ ވަކީލުންގެ ތެރޭގައި އެ ދުވަހު ސުޕްރީމް ކޯޓު ދޮށަށް ނުދާ ވަކީލުން ވެސް ހިމެނެ އެވެ. ސުޕްރީމް ކޯޓު ދޮށަށް ދިޔައީ 21 ވަކީލެކެވެ.