12 Nov 2017, 13:11
ހަވީޖާ (ނޮވެމްބަރު 12): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށުގައި މީގެ ކުރިން އޮތް އިރާގުގެ ސިޓީއެއް ކަމަށްވާ ހަވީޖާއިން 400 މީހުން ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ފެނިއްޖެ އެވެ.
ކިރްކުކް ޕްރޮވިންސުގެ ގަވަރުނަރު ރަކާން ސައިދު ވިދާޅުވި ގޮތުގައި އެކަށްވަޅު ފެނިފައި ވަނީ ހަވީޖާ ކައިރީ އޮންނަ ވައިގެ މަރުކަޒަކުންނެވެ. އައިއެސްއިން މީހުން މަރަން ބޭނުންކޮށްފައިވާ އެމަރުކަޒުގައި ވަޅުލާފައިވާ މީހުންގެ ތެރޭގައި އާދައިގެ ހެދުމުގައި ތިބި މީހުންނާއި އައިއެސްއިން މަރުގެ އަދަބު ދޭ އިރު ލައްވާ ޔުނިފޯމުގައި ތިބި މީހުން ވެސް ތިބި ކަމަށް ސައިދު ވިދާޅުވި އެވެ.
އިރާގުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެކަށްވަޅު ހޯދީ އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެހީއާ އެއްކޮށެވެ.
އިރާގުގައި މީގެ ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ވަނީ ގިނަ އަދަދެއްގެ ކަށްވަޅުތައް ފެނިފަ އެވެ. މިދިޔަ އަހަރު އެސޯސިއޭޓެޑް ޕްރެސް އިން އާއްމު ކުރި ސާވޭއެއްގައިވާ ގޮތުން އެގައުމުގެ 72 ސަރަހައްދަކުން ބޮޑު ކަށްވަޅުތައް ފެނިފައިވެ އެވެ. އެކަށްވަޅުތަކުގައި 15،000 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބެލެވޭ ކަމަށް އެއޭޖެންސީން ބުންޏެވެ.
ބަޣުދާދާ 240 ކިލޯ މީޓަރު އުތުރުގައި އޮންނަ ހަވީޖާ އައިއެސްގެ އަތްދަށުން މިނިވަން ކުރީ މިދިޔަ މަހުގަ އެވެ. އެޖަމާއަތުން އެސިޓީ ހިފީ 2013 ވަނަ އަހަރެވެ. (ބީބީސީ)