12 Nov 2017, 12:38
ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ ނަވަލޯކާ ހޮސްޕިޓަލާ ގުޅިގެން އައްޑޫގައި ބާއްވާ މެޑިކަލް ކޭމްޕަށް ދޫކުރި އެޕޮއިންޓަމްންޓުތައް ފުރިފައިވާ ކަމަށް އެ ކޭމްޕު އިންތިޒާމް ކުރާ ސްރީލަންކަން އެއާލައިންސް އިން ބުނެފި އެވެ.
ބޭސް ފަރުވާއަށް ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ ނަވަލޯކާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ހަތަރު ޑޮކްޓަރުންނާ އެކު ބާއްވާ މެޑިކަލް ކޭމްޕު އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
މެޑިކަލް ކޭމްޕާ ގުޅޭ މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއާލައިންސްގެ ސޭލްސް އެންޑް އެޑްމިން އެގްޒެކެޓިވް ނަބީލް މުހައްމަދު ވިދާޅުވީ، ކޭމްޕުގައި ބައްލަވާ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓުތައް ހެދުމަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 560 ގިނަ މީހުން އެޕޮއިންޓްމަންޓް ހައްދާފައިވާ އިރު ކޭމްޕުގައި ބައްލަވާ ހުރިހާ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓުތައް ފުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޭމްޕުގައި ބައިވެރިވާ ސްޕެޝަލިސްޓުންގެ ތެރޭގައި ޔޫރޮލޮޖީ، ކިޑްނީ ޓްރާންސްޕުލާންޓު، ނިއުރޮލޮޖީ، ގައިނެކޮލޮޖީ އަދި އީއެންޓީގެ ހާއްސަ ޑޮކްޓަރެއް ހިމެނެ އެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނި ގޮތުގައި، އެ ޑޮކްޓަރުން ރާއްޖެ އަންނާނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ސީދާ އައްޑު އަށެވެ.
ރާއްޖެއަށް މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރަމުން އަންނަ ސްރީލަންކަން އެއާލައިންސް އަކީ ކޮލޮމްބޯ އާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ.
އައްޑޫގައި ބާއްވާ މެޑިކަލް ކޭމްޕަކީ އެ އެއާލައިނުން އިސްނަގައިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ މެޑިކަލް ކޭމްޕެވެ.