ހދ. ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދަނީ ތަރައްގީއަށް ފެންބޮވައިގަނެފައި ތިބި މަންޒަރު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ގާއިމްކުރާ ބޮޓަލިން ޕްލާންޓްގެ ބިންގާ އަޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުން ފެނިގެން ދަނީ ތަރައްގީގެ މަސްރޫއުތަކަށް އެއްބާރުލުންދީ ހުރިހާ ރައްޔިތުން ވެސް ގުޅިގެން ރަށުގެ ކުރިއެރުމަށް މަސަތްކަތް ކުރާ މަންޒަރު ކަމަށެވެ.

"މި ރަށުގެ ރައްޔިތުން މި ތިބީ ތަރައްގީއަށް ފެންބޮވައިގަނެފައި. ތަރައްގީ މިރަށުގެ ރައްޔިތުންނަށް ލިބިގެން ދިއުން... ކުޅުދުއްފުށީގެ ކުދި ބޮޑު ހުރިހާ ރައްޔިތުން ބޭނުންވާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުން ވަރަށް ކުރީންސުރެން ދެކެމުން އަންނަ ހުވަފެނެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު ފެނިގެން ދަނީ އެ ހުވަފެން ހަގީގަތަކަށް ވަމުން އަންނަ މަންޒަރު ކަމަށާއި އެކަމަށް ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންހެން ތާއިދު ކުރާ މަންޒަރު ވެސް ފެންގެންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެ ރަށަށް ގެންގޮސްފައިވާ އެމްޓީސީސީގެ މަހާ ޖައްރާފުގެ ފަޅުވެރިންނަށް އެ ރަށުގެ ރައްޔިތުން އިއްޔެ އެރުވި ފަރިވަޅަށް އިޝާރަތް ކުރައްވައި މުއިއްޒު ވިދާޅުވީ އެ މަންޒަރަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ފެނިގެން ގޮސްފައިވާ މަންޒަރެއް ނޫން ކަމަށެވެ.

"އޭގެން އަޅުގަނޑުމެނަށް ދައްކުވައިދިނީ ކުޅުދުއްފުށީގެ ރައްޔިތުން މި ރަށުގައި އެއާޕޯޓް އެޅުމަށް ބޭނުންވެފައި ހުރިވަރު. އަދި އެކަމަށް ޓަކައި ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތު ގަބޫލުކުރައްވާ އެކަމަށް އެބޭފުޅުންގެ ޝުއޫރުތައް ފާޅުވެގެން ދިޔަ ތަން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުޅުދުއްފުށި ތަރައްގީ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތައް އެ ރަށުގެ ރައްޔިތުން ފުރިހަމައަށް ތާއިދުކޮށް އެ މަސްރޫއުތައް އުފަލާއި އެކު ބަލައިގަންނަމުންދާ ކަމަށެވެ.

"ސިއްހީ ދާއިރާގެ ބޮޑު މަސްރޫއެއް މި ރަށުގައި ފެށިފައި ވަނީ. އެ މަޝްރޫއު ވެސް ނިމުމުން ސަރަހައްދީ ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް މިރަށުގައި ގާއިމް އެބަވޭ،" އަންނަ އަހަރު ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވި އެވެ.