ހަނޯއީ (ނޮވެމްބަރު 12): އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ރަޝިއާއިން މަސައްކަތް ނުކުރާ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވުމުން، ޕުޓިންގެ ބަސްފުޅު ގަބޫލު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ވިއެޓްނާމަށް ވަޑައިގަތުމަށް ފަހު އެގައުމުގައި އޮތް އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ޕުޓިން ވެސް ބައިވެރިވެވަޑައިގަތް އެސަމިޓުގެ ހަވާސާގައި ދެބޭފުޅުން ވަނީ މަޝްވަރާތައް ކުރައްވައިފަ އެވެ.

އެބައްދަލުވުންތަކުގައި ޓްރަމްޕް ވަނީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިތޯ ޕުޓިން ގާތުން ތަކުރާރުކޮށް އައްސަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެދެ ބޭފުޅުން ބައްދަލުވާ ކޮންމެ ފަހަރަކު ޕުޓިން ވަނީ އެކަން ދޮގު ކުރައްވާފައި ކަމަށާއި އޭނާ އެފަދައިން ވިދާޅުވަނީ އެއީ ތެދަކަށް ވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ރަޝިއާ އިން ޓްރަމްޕް އިންތިހާބު ކުރުމަށް މަސައްކަތް ކުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ނިންމާފައި ވަނިކޮށެވެ. އޭގެ ސަބަބުން ޓްރަމްޕްގެ ބަސްފުޅަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓްރަމްޕް ވަނީ ޕުޓިންގެ ބަސްފުޅު ގަބޫލު ކުރެއްވި ނަމަވެސް، އޭނާ "ހުންނެވީ އެމެރިކާގެ ޖާސޫސީ އިދާރާތަކާ އެކު" ކަމަށާއި އެއިދާރާތަކަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ޖަޕާން، ދެކުނު ކޮރެއާ، ޗައިނާ އަދި ވިއެޓްނާމަށް ވަޑައިގެންފައިވާ އިރު، ދެން ވަޑައިގަންނަވާނީ ފިލިޕީންސަށެވެ. (ސީއެންއެން)