ސީޝެލްސްގައި މިއަދު ފެށި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި މޮރިޝަސް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރައްޖޭގަޑިން މިއަދު ހަވީރު 5:40 ގައި ފެށި މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ މޮރިޝަސް އިންނެވެ. މެޗްގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި މޮރިޝަސްއަށް ލީޑް ނަގައިދިނީ ލުއިސް ފެބްރިސް ޕިތިއާ އެވެ.

މެޗް ފަށައިގެން، ފުރަތަމަ 15 މިނެޓުގެ ތެރޭގައި މާއެދެވޭ ކުޅުމެއް ރާއްޖެއަށް ނުދެއްކުނު ނަމަވެސް، މެޗްގެ 32 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ފެނިގެން ދިޔައީ މުހައްމަދު އާރިފް )ބަކާ( ގެ ފަރާތުން ނެވެ.

ފުރަތަމަ ހާފުގައި ޓޫކިލޯ އާއި އަހުމަދު ތޯރިގު )ޓޮމް( ދެ ބޯޅައެއް ގޯލަށް ވައްދާލި އެވެ. އެކަމަކު ދެ ފަހަރު ވެސް އޮފްސައިޑް ކަމަށް ރެފްރީ ނިންމި އެވެ.

ދެ ވަނަ ހާފުގައި މޮރިޝަސް އިން މެޗު ކޮންޓްރޯލް ކުރި ނަމަވެސް މެޗުގެ ފަހު 10 މިނެޓުގައި ރާއްޖޭން ކޮންޓްރޯލް ހޯދި އެވެ. ހާއްސަކޮށް އައްސަދު އަލީ )އަޑުބަރޭ( ގެ ބަދަލުގައި އިސްމާއިލް މުހައްމަދު )އިއްސޭ( ކުޅެން އެރުމާއެކު ރާއްޖޭގެ ކުޅުން ރަނގަޅުވި އެވެ. އަޑުބަރޭ ދެ ވަނަ ހާފުގައި ބަދަލުކުރިއިރު އޭނާ ކުޅެން ނުކުތީ ވެސް ޓޮމްގެ ބަދަލުގައި ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ގެނައި އަނެއް ބަދަލަކީ އަހުމަދު ސައީދު )އައްމަޓީ( ގެ ބަދަލުގައި ޝަމްވީލް ގާސިމް )ބޮންޑާ( ކުޅެން އެރުވުމެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ސީޝެލްސް އާއި ކޮމޮރޯސްގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ކޮމޮރޯސް އާ ދެކޮޅަށެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗްގައި އަންނަ އަންގާރަ ދުވަހު ބައްދަލު ކުރާނީ ސީޝެލްސްއާ ދެކޮޅަށެވެ. މެޗް ފެށުމަށް ހަމަޖެހި ފައި ވަނީ ރާއްޖެ ގަޑިން 21:00 ގައެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސީޝެލްސް އާއި ކޮމޮރޯސް އާއި މަޑަގަސްކަރަ އާއި މޮރިޝަސް އާއި މެޔޯޓް އަދި ރީޔޫނިއަން އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ މި ގޭމްސް ރަސްމީކޮށް މާދަމާ ފެށުމަށް ހަމަޖެހިފައި ވީނަމަވެސް، ފުޓްބޯޅަ އިވެންޓް މިއަދު ފަށާފައި ވާއިރު، ރާއްޖެއިން މިގޭމްސްގައި ޖުމްލަ ހަ ކުޅިވަރަކުން ވާދަކުރެއެވެ. އެއީ ވޮލީ، ބާސްކެޓް، އެތުލެޓިކްސް، ޓޭބަލް ޓެނިސް، ބެޑްމިންޓަން އަދި ފުޓްބޯޅަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެންމެ ފުރަތަމަ ބޭއްވީ 1979 ވަނަ އަހަރު ރީޔޫނިއަންގަ އެވެ.