އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ ފެން އުފައްދާ ކާރުހާނާގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޅުދުއްފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފެކްޓްރީގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑަބްލިއުއެސްސީ އަދި އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން އައިބީއެމްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގެވެ. ކުޅުދުއްފުށީގައި ގާއިމް ކުރާ ފެކްޓްރީ އަށް އައިބީއެމްގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ ފެކްޓްރީގެ މަސައްކަތް ފެށޭ އިރު 15 ނޫނީ 20 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށެވެ.

އެ ފެކްޓްރީގައި އެންމެ ފުރަތަމަ ބަންދު ކުރާނީ 330 މިލި ލީޓަރު، 1.5 އަދި 500 މިލިލީޓަރުގެ ފެން ފުޅި ކަމަށާއި ކުރިއަށް އޮތް އަހަރު ތެރޭއި ފަސް ލީޓަރުގެ ފެން ބަންދު ކުރާ ޕްލާންޓެއް ގާއިމް ކުރާނެ ކަމަށް އައިބީއެމްގެ އެމްޑީ ފަޒުލް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ދެވަނަ ކުއާޓާ ތެރޭ މިތަނުގެ މަސައްކަތް ފެށޭނެ. އެންމެ ފުރަތަމަ ގާއިމް ކުރެވޭނީ ގަޑިއިރަކު 10000 ފުޅި އުފައްދާ ޕްލާންޓެއް" ފަޒުލް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ތިން ވަނަ ކުއަޓާ ތެރޭގައި ފަސް ލީޓަރުގެ ފެން ބަންދު ކުރާ ޕްލާންޓް ގާއިމް ކުރާއިރު އެ ޕްލާންޓުން ގަޑިއަކު 2000 ފުޅި ބަންދު ކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފަސް ލީޓަރުގެ ފުޅި ބަންދުކުރާ ޕްލާންޓް ގާއިމް ކުރެވޭއިރު އެ ފެކްޓްރީއަށް ޖުމްލަ 30 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެ ކާރުޚާނާގައި ބޭނުންކުރާނެ ހުރިހާ އިކުއިޕްމެންޓެއް މިހާރު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިބީއެމް އިން ބަންދު ކުރާ ތާޒާ ފެނުގެ ޑިމާންޑް މިހާރު ވެސް ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ އެހެން ރަށްރަށުގައި ބޮޑު ކަމަށާއި މިއަދު ބިންގާ އެޅި ބޮޓްލިން ޕްލާންޓާ އެކު އަތޮޅު ތެރެއަށް ތާޒާ ފެން ފޯރުކޮށްދޭނެ ޑިސްޓްރިބިއުޝަން ނެޓްވޯކެއް ކުޅުދުއްފުށީގައި ގާއިމު ކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އެ މަސައްކަތަކީ ދުޅަހެޔޮ އަދި އަގުހެޔޮ ފެނުގެ ހިދުމަތެއް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހއ. އަދި ހދ.ގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބަންދު ކުރި ފެން ލިބޭނެ މަޝްރޫއެއް. އަގު ހެޔޮ ކަމާއެކު ފުޅީގައި ބަންދު ކުރި ފެން ރަށް ރަށަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބޮޅެއް،" ފަޒުލް ވިދާޅުވި އެވެ.

އައިބީއެމް އިން ވަނީ ރ. ދުވާފަރުގައި ވެސް ފެން ބަންދުކުރާ ކާރުހާނާއެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.